ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު ކުލަބް ކޮރަލްސްއާއި ސްކައި ބައްދަލުކުރި މެޗު، ކޮރަލްސްއިން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުލަބް ކޮރަލްސްއާއި ސްކައި ބައްދަލުކުރި މެޗު، ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކޮރަލްސްއަށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އިސްމާއިލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 37، މުޙައްމަދު ރަޝީދުއެވެ.

މިއަދުގެ މެޗް ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރގެ މެނޭޖަރ ޢަބުދުﷲ ސޯދިގެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ރަޝީދަށް ޝަރަފްވެރި މެހްމާން އިނާމް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ކުލަބް ކޮރަލްސް ވަނީ އެ ޓީމް ކުޅުން ދެ މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މިވަގުތު ހަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ވެސް ކޮރަލްސްއެވެ. އެއް މެޗު ކުޅެ ލިބުނު ތިން ޕޮއިންޓާއިއެކު ދެވަނާގައި ޒިގްޒެގް އޮތްއިރު، ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ތިންވަނާގައި އޮތީ ސްކައިއެވެ. ތާވަލުގެ ފުލުގައި އޮތް ކެޑަށާއި މާއްޓޭ ސްޕޯޓްސްއަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މި މުބާރާތުގެ ހަތަރުވަނަ މެޗު މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ކުޅުދުއްފުށި އެކުވެރިންގެ ދިރުން (ކެޑް) އެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.