ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޒިގްޒެގުން ފެށުން ރަނގަޅު ކޮށްފިއެވެ.
މި މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސްއާއި ޒިގެޒެގް ބައްދަލުކުރި މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ.
މިއަދުގެ މެޗުގައި ޒިގްޒެގްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޒިގްޒެގްގެ ޖޯޒީ ނަމްބަރު 17، އަންވަރު އާދަމެވެ.

ޒިގްޒެގްގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި އެ ޓީމްގެ ޖޯޒީ ނަމްބަރު 31، އަބްދުﷲ ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 19، ހަސަންއެވެ. ޒިގްޒެގްގެ ހަތަރުވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނު އަންވަރު އާދަމްއެވެ.

މި މުބާރާތުގެ ހަތަރުވަނަ މެޗު މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސްއާއި ސްކައިއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!