ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ގާނޫނަކީ 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި އަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ގާނޫނެއް ކަމަށެވެ.

Ad
rt

ކުރީގެ ގާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެގާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެގާނޫނު ލިޔުނު ގޮތުގެ ތާރީހީ ހަގީގަތްތަކަށް މިހާރު ބަދަލުވެފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 1968 ގެ ގާނޫނެއް، މިޒަމާނަށް ނުފެތޭތީ ކަމަށެވެ.

މިގޮތުން، އަލަށް ފާސްކުރި ގާނޫނުގައި ތަފާތު އަދަބުތަކެއް ތައާރަފުކޮށް، ކުރީގައި ހުރި އަދަބުތަކުގެ ތެރެއިން މިޒަމާނަށް އެކަށީގެންނުވާ އަދަބުތައް އުވާލާފައިވާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އަދަބާ ގުޅޭ ހުރިހާ ވާހަކައެއް އޮތީ ގާނޫނުގެ ތިންވަނަ ބައިގައި ކަމަށެވެ. އަދި އެ ބައިގައިވާ ގޮތުގެ އަސްލު އަދަބަކީ ޖަލު އަދަބެއްނަމަވެސް އަސްލަކީ ޖަލު އަދަބު ކަމަށް ކަނޑައެޅުމަށްފަހު، އެ ގާނޫނުގެ 1005 ވަނަ މާއްދާގައި ޖަލު އަދަބު އެހެން އަދަބުތަކަށް ބަދަލުކުރެވޭ ގޮތާއި މިންވަރުތައް ކިޔައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޖަލު އަދަބު ފިޔަވައި ގާނޫނު ދަންނަ އަދަބުތަކަކީ ގޭ ބަންދުކުރުމާއި މުޖުތަމައަށް ހިދުމަތްކުރުމާއި ޖޫރިމަނާއާއި އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަންކަން ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ކުށެއް ކުރާ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި އެ މީހަކު އިސްލާހުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ގާނޫނުން ތަންދޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގާނޫނުގައި އެ އުސޫލުތައް 2015 ވަނަ އަހަރު ތައާރަފުކުރި ނަމަވެސް އެއާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ ކަމަށާއި އެހެންވެ އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގާ ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އެހެން އޮއްވައި 1 ޖުލައި 2021 ވަނަ ދުވަހު، "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ސުޕްރީމް ކޯޓުން އެ ގަވާއިދު ހަދާފައިވާއިރު، އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ޝާއިއުކުރިތާ 60 ދުވަސް ފަހުން، 29 އޮގަސްޓު 2021 ދުވަހު." ޝަމީމު ވިދާޅުވި އެވެ.

ހަމަމިއާއެކު ޝަމީމު އިތުރަށް ވިދާޅުވީ ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނު ކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ 15 ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެ ނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.