ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.
އެ މެސެޖުގައި ވިދާޅުވެފައިވަނީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށެވެ.
މީގެ އިތުރުން ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ މެސެޖުގައި ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ސަގާފީ ގުުޅުންތަކާއި ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވެސް ވަނީ އަރިސްކުރައްވާފަ އެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!