ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު އެ ސަރަހައްދަށް އޮތް ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ޑިމާންޑް އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަލަސުރުޚީ'' ޕްރޮފްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރޭ ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ފެށޭއިރަށް އެ ސަރަހައްދުގެ އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ. އަދި މިހާރު ވެސް ފުރުސަތުތައް ހުޅުވި ޑިމާންޑް އިތުރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
މިގޮތުން މިސާލެއްގެ ގޮތުގައި އެ ސަރަހައްދުގެ ބައެއް ރަށްތަކުން ވިޔަފާރިވެރިން ބިންގަނެ، ކުއްޔަށް ހިފަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ސަރަހައްދުގެ ކައުންސިލްތަކުން ވެސް އެކަމަށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އުތީމު، ވަށަފަރު ފަދަ ރަށްރަށަށް ޑިމާންޑް އިތުރުވެފައިވާ ކަމަށާއި، ހއ. ހދ. އަދި ށ. ގެ ރަށްތަކަށް ހަނިމަދޫ އެއާޕޯޓާއި ގުޅިގެން ފުރުސަތުތައް ހުޅުވި، ފަހިވެގެން އަންނާނެ ކަމަށެވެ. އަދި އެއީ މޮޅު ވިޔަފާރި ފުރުސަތެއް ކަމަށް ބަލައިގެން ވިޔަފާރިވެރިން އެ ސަރަހައްދަށް މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ، ހޯރަފުށީގެ ޑޮމެސްޓިކް އެއާޕޯޓާއެކު އެ ބިތުގެ ރަށްތަކަށް ވެސް ފުރުސަތު އިތުރުވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ގުޅާލާފައިވާ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ސަބަބުން ވެސް އެ ސަރަހައްދުގެ އިގްތިސާދަށް ފައިދާތައް ކުރާނެ އިތުރު ދޮރެއް ހުޅުވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުނުއިރު އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއަރަންވީ މިންވަރަށް ކުރިއަރާފައެއް ނެތްކަން ފާހަގަ ކުރައްވަމުން ވަޒީރު މައުސޫމު ވިދާޅުވީ، ފަތުރުވެރިކަން އެ ސަރަހައްދުތަކަށް ގެންދަން، ސަރުކާރަކުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ދެ އެއާޕޯޓު ތަރައްގީ ކުރެވިގެންދާއިރު، ދެން އޮންނާނީ އިންވެސްޓަރުންނަށް ފަހި ކުރުމަށް އެހެން ގައުމުތަކުގައި ވެސް ކުރާކަންކަން ކުރުން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވެސް އެ ސަރަހައްދުތަކުގެ ލޭންޑް ރެންޓް ތައް ކުޑަކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
ވަޒީރު، މައުސޫމް ރޭގެ ޕްރޮގްރާމްގައި ދެއްކެވިވާހަކާގައި ވަނީ، މިއަހަރަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި އަހަރެއްކަން ފާހަގަ ކުރައްވައި، ހާލަތުން އަރައިގަތުމަށް ޕްރައިވެޓް ސެކްޓާގެ ވަރަށް ބުރަ މަސައްކަތްތަކެއް ކުރިކަން ފާހަގަ ކުރަށްވައި، ރާއްޖެއަށް އަންނަ ފަތުރުވެރިން އަންނަނީ ޕްރައިވެޓް ސެކްޓާގެ މަސައްކަތުން ކަމަށް ވިދާޅުވެފައެވެ.
''އެ ގޮންޖެހުންތައް ކަޑަތުކޮށްފައި، ޑިސެމްބަރު މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި މިއަހަރަށް ކަނޑައަޅާފައި އޮތް ޓާގެޓް އެޗީވް ވާނެކަމަށް އުއްމީދު ކުރެވެނީ'' މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، އެންމެ ބޮޑު ގޮންޖެހުމެއް ގޮތުގައި ދިމާވީ، ފްލައިޓްތަކުގެ އަގު ބޮޑުވުމެވެ. އަދި ފްލައިޓްތަކުގެ ތާށިކަމާއި، ކަނެކްޓިވިޓީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ އަންނަ އެއާލައިންތައް އިތުރުވަމުން އަންނަކަމަށާއި، އާ އެއާލައިންތައް ދަތުރުތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު އެއާލައިންތައް އަންނާނެ މަގު ފަހިކުރަން އެއާލައިންތަކާ ދަނީ މަޝްވަރާ ކުރަމުންކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. މައުސޫމް ވަނީ އަންނަ އަހަރު ފަށާއިރު ޗައިނާ މާކެޓުން ފަތުރުވެރިން އަންނަން ފެށުމަކީ އުންމީދެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!