އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުކު އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވިގޮތުގައި، އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ސިރާޖް، (ވ. ސިނަމާލެ 2-04 4/ކ.މާލެ) އަދި މުޙައްމަދު މުޖާޙް މުނީރު (ގަރާޑީގެ/ގދ.ގައްދޫ) ވަނީ ޢައްޔަންކޮށްފައެވެ.
މި ދެ ބޭފުޅުން އެ ބޯޑަށް އައްޔަނުކުރެއްވީ އިއްޔެއެވެ. މި ދެބޭފުޅުންވެސް އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައިވަނީ ނަން-އެކްޒެކެޓިވް މެންބަރުންގެ ގޮތުގައެވެ.
އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެން ޢައްޔަނުކުރެއްވި މުޙައްމަދު މުޖާޙް މުނީރަކީ އެމެރިކާގެ ޗާޓަރޑް ފައިނޭންޝަލް އިންސްޓިޓިއުޓްގެ ޗާޓަރޑް ފައިނޭންޝަލް އެނަލިސްޓްކަން ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފުރަތަމަ ޑިގްރީ ހާޞިލުކުރައްވާފައިވަނީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމްއިން ބިޒްނަސް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ.
މުޙައްމަދު މުޖާޙް މުނީރު މިހާރު އަދާކުރައްވަމުންދަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމެވެ. އަދި އޭނާ ވަނީ މީގެކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓުގެ އިންވެސްޓްމަންޓް އެންޑް ޕޯޓްފޯލިއޯ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިޒާވް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް މެނޭޖަރގެ މަޤާމު ވެސް ފުރުއްވާފައެވެ.
އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވި އަޙްމަދު ސިރާޖަކީ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެކުރިން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ، ސިރާޖު މިހާރު އަދާކުރައްވަމުންދަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެންބަރުގެ މަޤާމުވެސް އެބޭފުޅާ ގެންދަވަނީ އަދާކުރައްމުންނެވެ.
އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.
އެ ކުންފުނީގެ އަމާޒަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ކުރިއަރައި ތަރައްޤީކުރުމަށް ދެވޭނޭ ޙިދުމަތްތައް ފާހަގަކޮށް އެފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމާއިއެކު، މިފަދަ ވިޔަފާރީތަކައް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ ފަހިމަގެއް ހޯދައި ދިނުމެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ލޯނު އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި، ޓޫރިޒަމް (ރަށު ފަތުރުވެރިކަން)، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!