ހދ ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ.
ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ އިއްޔެ އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދެވެ.
ކުރިން ޕޮލިސް ޑެސްކުގެ ހިދުމަތް ދެމުންގެންދިޔަ ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ޕޮލިސް ސްޓޭޝަން ހުޅުއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށްވާތީ، އެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ސަރުކާރުގެ ގާބިލުކަން ހުރި އެންމެ ރަނގަޅު މިންވަރަކަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެން މިދަނީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށެވެ. އަދި ރައްޔިތުން ކުރަމުންދާ އިޤްޠިޞާދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދާނެ ގޮތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރުން ނުވަތަ ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. ފުލުހުންގެ މަސައްކަތްތަކަކީ މުޅި ރަށްތަކުގެ ނުވަތަ މުޅި ޤައުމުގެވެސް ކުރިއެރުމާ މަޞްލަހަތާ ގުޅިފައިވާ މަސައްކަތްތަކެއްކަން ޤަބޫލުކޮށް އެމަގުން މަސައްކަތް ކުރައްޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނާ ވިދާޅުވީ، ނޮޅިވަރަމްގައި ހުޅުވިގެން މިދިޔަ ފުލުހުންގެ ސްޓޭޝަނުގައި އެންމެ ޒަމާނީ ވަސީލަތްތައް އަދި ގާއިމުވެފައިނުވިނަމަވެސް ކުރިއަށް އޮތްތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާ މި ސަރަހައްދުގެ ފުލުހުންގެ ވެރިންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި ނޮޅިވަރަމް ކައުންސިލްގެ މެމްބަރުންނާއި އެރަށު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!