ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

އިއްޔެ ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔަންގް ވިނާސްގެ ޖޯޒީ ނަމްބަރު 25، ނަޝްފާން ރަޝީދުއެވެ.

Ad
rt

މުބާރާތުގައި މިހާހިސާބަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، މިވަގުތު ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް ބްލަޑް ބްރަދާސްއާއި ޓީމް މަޑުފެއްސަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދެން އޮތް ޔަންގް ވިނާސްއާއި ސްޕަރ ސްޓާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މުބާރާތުގެ ގްރޫޕް ބުރުގެ ފަހު ދެމެޗު މިއަދާއި މާދަމާ ކުޅޭއިރު، ފައިނަލުގެ ޖާގަ ލިބޭ ޓީމްތައް ކަށަވަރުވާނީ މި ދެ މެޗަށް ފަހުއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ދިހަވަނަ ދުވަހު ހަވީރުއެވެ.

މެޗުގައި މޮޅު ކުޅުންތެރިޔާ ނަޝްފާން ރަޝީދު، ފޮޓޯ: ފޯކައިދޫ ކައުންސިލް

މި މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރާނީ ސްޕަރ ސްޓާއާއި ބްލަޑް ބްރަދާސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައި ފޯކައިދޫ ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ބްލަޑް ބްރަދާސް، ޔަންގް ވިނާސް، މަޑުފެހީގެ އިތުރުން ސްޕަރ ސްޓާއެވެ.

މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.