ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ކުޅުންފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއާއި ޔަންގް ވިނާސް ރިކްރިއޭޝަން ކްލަބެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ.

Ad
rt

މި މުބާރާތުގެ ދެވަނަ މެޗު މިއަދު ހަވީރު 16:00 ގައި ބައްދަލުކުރަނީ މަޑުފެހި ސްޕޯޓްސްއާއި ސްޕަރ ސްޓާސްއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރު ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދުއެވެ.

ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޝްވާން، ފޮޓޯ: ފޯކައިދޫ ކައުންސިލް

މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.

މި ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ފޯކައިދޫ ކައުންސިލުން މިއަދު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ފުރިހަމަ ކުރައްވަން ޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.