ސިއްސައިގެން ގޮސް ޢުޘްމާނަށް ބަލާލެވުނީ، ”ހެރީ“ އޭ ކިޔާ ގޮވާލުމުންނެވެ. އެއިރު ހެމާނީއާއި ރޮން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން، އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.
ހައިރާންވެފައި ހުރި ޢުޘްމާނަށް ފަހެއް ބަލާލެވުނީ އިތުރު މީހަކު އޭނާގެ ފަހަތުގައި ހުރިތޯ ޔަގީން ކޮށްލުމަށެވެ. އެވަގުތު އިހުނަށްވުރެ ބާރަށް ”ހަރީއަޕް ހެރީ“ އޭ ކިޔާ ހެމާނީ ގޮވާލުމުން، އެމީހުން އެގޮވަނީ ޢުޘްމާނަށް ކަން އެނގުނެއެވެ. ކުރިޔަށް ހިނގައިގަންނަމުން އޭނާއަށް ލައިގެން ހުރެވުނު ހެދުމަށް ނަޒަރު ހިންގާލުމުން އިހުނަށް ވުރެ ބޮޑަށް އެކަން ޔަގީންވެ ހައިރާންވިއެވެ. ޢުޘްމާނަށް ހުރެވުނީ، ފިނިމޫސުމުގައި ލާ ހެދުމެއްލައި، ގުރިފިންޑޯ ހައުސްގެ ޔުނީފޯމުގެ ރޯބެއް އަޅައިގެންނެވެ.
ޢުޘްމާނަށް އެއިރު އުޅެވުނީ، ”ސޯސަރާ ސުޓޯން“ އާއި ބެހޭގޮތުން މައުލޫމާތު އެނގިގެން ހެގްރިޑް ގާތައް އެވާހަކަ ބުނުމަށް ދާ ސީންގައެވެ. އޭނާއަށް ހުރެވުނީ ހެރީ ޕޮޓާގެ އެކްޓަރުގެ ގޮތުގައެވެ. ހިތުދަސް ވާވަރަށް އެ ފިލްމު ބަލާފައިވުމުން، ބުނަންޖެހޭ ޑައިލޮގްތަކާއި ވާން އުޅޭގޮތްތައް ވަރަށް ފުރިހަމަކަމާއެކު ޢުޘްމާނަށް އެނގެއެވެ.
ހެގްރިޑްގެ ޖިފުޑިގަނޑު ތެރޭގައި ހިނގާ މަންޒަރުތަކު ތެރޭގައި ޢުޘްމާނަށް އުޅެވުނުއިރު، އޭނާ ހުރީ ވަރަށް އުފަލުންނެވެ. ހަގީގަތުގައި ވެސް އެތާނގައި ޢުޘްމާނަށް އުޅެވޭ ކަހަލައެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. އެ މަންޒަރު ކުލަވުމުން ދިއައިރު، ޖިފުޑިގަނޑުގައިވާ ހޫނުކަން ވެސް އޭނާއަށް ދިއައީ އިހްސާސުވަމުންނެވެ.
އަލިފާން ގަނޑު މަތީގައި އެލުވާފައި ހުރި ތެލިން ޑުރެގަން ބިސް ނަގައި މޭޒުމަތީގައި ބޭންދި ވަގުތު، ބިސް ތެޅިގަންފައި ބިހުން ތޮށިތައް ބުރުއްސުވާލިއެވެ. ޢުޘްމާން ހުރީ ޑުރެގަން ނުކުންނަން އުޅޭކަން އެނގި އެ ދެކިލާ ހިތުން ކެތްމަދުވެފައެވެ. ނަމަވެސް އެ ބިހުގެ ތެރެއިން ކުއްލިއަކަށް ނުކުންނަން ފެށީ ކަޅު ދުންގަނޑެކެވެ. އެވަގުތު މަޑުމަޑުން ފަހަތައް ޖެހެންފެށި ޢުޘްމާނަށް ދެން ވާން އުޅޭ ގޮތް އެނގި ބިރުވެރިކަން އިހްސާސު ކުރެވެން ފެށުނެވެ. އޭގެން އެ ނުކުންނަން އުޅޭ އެއްޗެއް މީގެ ކުރިންވެސް އޭނާއަށް ފެނިފައި ހުރި ކަހަލައެވެ. މިހެންވެ އަވަސް އަވަހަށް ޢުޘްމާން ދުއްވައިގަތީ ޖިފުޑީގެ ދޮރާއި ދިމާލަށެވެ. އެއިރު ބިހުން ނިކުން ކަޅު ދުންގަނޑުގެ ތެރެއިން ރަތް ދެ ލޯ ފާޅުވާން ފަށައިފިއެވެ.
ޢުޘްމާން ދުވެފައިގޮސް ޖިފުޑިގަނޑުގެ ދޮރު ހުޅުވާލާ އަވަސް ހަރަކާތަކާއި އެކު ދޮރުން ދެމިގަނެ ދޮރު ލައްޕާލިއެވެ. އެ ވަގުތު ކުރިމަތީގައިވި ހުސްކަމުގެ ތެރެއަށް އޭނާ ވެއްޓި، މަންޒަރު އެނބުރިގަނެގެން ގޮސް ދެން އޮއެވުނީ ކުޑަ ކޮޓަރިއެއްގެ، ކާޕެޓް އަޅާފައިހުރި ތަޅުންގަނޑެއްގެ މަތީގައެވެ. މަޑުމަޑުން ތެދުވެ ތަނަށް ނަޒަރު ހިންގާލާ ކައިރީގައި ހުރި ދަބަހުން ކުރަހާ ފޮތަކާއި، އާދަޔާ ހިލާފު ބޮޑު ފަންސޫރެއް އޭނާ ނެގިއެވެ. ފަންސޫރު ފެނުމާއެކު އެއީ ޖާދޫގެ ފަންސޫރެއްކަން ޢުޘްމާނަށް އެނގޭކަން މާ ގިން ވަގުތެއް ނުނެގިއެވެ. އަބަދުވެސް އޭގެ ފަންސޫރެއް ލިބުމަށް އެދިއެދި ހުރި ޢުޘްމާނަށް އެ ލިބުމުން އުފަލުން ރޮވުނެވެ.
ޖާދޫގެ ފަންސުރުން ފުރަތަމަ ކުރަހާލި މައު އަސްލު މަލަކަށް ބަދަލުވުމުން، ވީ އުފަލުން ގޮސް ކާޕެޓު މަތީގައި އޮށޯވެ ކޭކު ދެފޮތި ކުރަހާލިއެވެ. ކުޑަ ހިނދުކޮޅަކުން ކޭކު ވެސް އަސްލު އެއްޗަކަށް ބަދަލު ވުމުން ޢުޘްމާނަށް ހީވީ އޭނާއަށް ސުޕަޕަވާރ އެއް ލިބުނުހެންނެވެ. ވަގުތުން އެކި ކަހަލަގެ ކާއެއްޗެހި ކުރަހަމުން ގޮސް ހިތް ފުރޭވަރަށް ކާ އެއްޗެހި ކޮޓަރީގެ ތެރޭގައި އަތުރާލިއެވެ. އެއަށްފަހު ދެން ކުރަހާލި ކުޑަ ދޫންޏަކާއި އެކު ޢުޘްމާނަށް އިންތަނުން ފުންމައިގެން ތެދުވުނެވެ. އަނެއްކާވެސް އެއްކަލަ ކަޅު ދުންގަނޑު ފާޅުވާން ފެށީއެވެ. އެ ކުޑަ ދޫނީގެ ދެލޯ ރަތްކުލައިން ދިއްލި، ކުއްލިއަކަށް އޭގެން ހަޑި މުޑުދާރު ސިފައެއް ފާޅުވެެގެން އައިސް ޢުޘްމާނުގެ ކަރުގައި ވަރަށް ބާރަށް ހިފައި ގަތެވެ. އެއާއި އެކު ނޭވާ ހާސްވެގެން އޭނާ ތެޅިގަތް ވަގުތު ކުއްލިއަކަށް މަންޒަރު އެނބުރިގަނެގެން ގޮސް އެނދެއްގެ މައްޗަށް ވެއްޓުނެވެ.
ޢުޘްމާނަށް މޭފުރާ ނޭވާއެއްލެވި ކުއްލިއަކަށް އެނދުން ތެދުވުނެވެ. އޭނާގެ ބިރުގަތްފައި އޮތް ހިތް ބާރަށް ތެޅެމުންދާ އަޑު މުޅިތަނަށް އިވިގެން ދިއަކަހަލައެވެ. ވަގުތު ކޮޅަކަށް، ވިސްނަން އިނދެފައި، ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއިރު އޭނާގެ ބައްޕައާއި، ފިރެހެން ކޮއްކޮއާއި، ދޮންބޭބެމެން ތިބީ ގަދަ ނިދީގައެވެ.
އެނދުން ތެދުވެގެން ފާހާނައަށް ޢުޘްމާނު ދިއައީ، ހީސްލަވައި ގަނެގެން ކެތްނުވާތީ، ކިތަންމެ ބިރުގަނެފައި ހުއްޓަސް ތަންމައްޗަށް ހީސްނުލާން ވެގެންނެވެ. ފާހާނައަށް ވަދެ ބޮކި ދިއްލާލާ، ފެންހޮޅި ނަގައި ފުރަތަމަވެސް ފެން ޖަހާލީ، ފާރުގައި ހަރުކޮށްފައިވާ މޫނުބަލާ ވަށް ލޯގަނޑަށެވެ. އޭގެ ތެރެއިން އޭނައަށް ދޭތެރެ ދޭތެރެއިން ފެންނަ އަނދިރިގަނޑެއް މިރޭވެސް ފެނިދާނެތީ ކުރިޔާލާ ހުށިޔާރުވެލީއެވެ. ފެންތިކިތައް ލޯގަނޑުގައި ހުރުމުން ލޯގަނޑުން ފެންނަ އެ ބިރުވެރި ސިފަހުރި، ކަޅު މުޑުދާރު އެތީގެ ސިފަ ފުރިހަމައަށް ފެނުނަ ނުދިނުމަށެވެ. ފާހާނަކޮށް ނިމިގެން، މޫނު ދޮވެލައިގެން، ލޯގަނޑާއި ދިމާލަށް ބަލާވެސް ނުލާ، އަވަސް އަވަހަށް ފާހާނައިން ނިކުމެގެން ބާރު ހިނގުމުގައި ކޮޓަރިއަށް ގޮސް އެނދަށް އަރާ، ގައިގައި ރަޖާއަޅައިގެން އޮށޯތެވެ.
އެނދުގައި އޮށޯވެ މާގިނައިރުތަކެއް ނުވެ އޭނާގެ ކަންފަތުގައި ޖެހުނީ، ފަތިސް ނަމާދު ބަންގީގެ އަޑެވެ. ނަމާދުތަކަށް ފަރުވާތެރިވާ ކުއްޖެއްކަމުން، އޭނާއަށް އެ އަޑު އައިދިމާލަށް ދާން މާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. މަގުމަތީގައި ބައްތިތަކުން އަލިވަމުން ދިއައެއް ކަމަކު، އަވަސް ހިނގުމުގައި ދިޔައިރު ފަހަތުން އެއްޗެއް އަންނަހެން ހީވުމުން، މިސްކިތާއި ދިމާލަށް އޭނާ ދުއްވައިގަތެވެ. އެ އެއްޗެއް އޭނާއާއި ފާރަލާ، އޭނާގެ ބޯކޮޅު ބަލަމުންދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
މާނޭވާ ލެވިލެވި، ހިތުގެ ވިންދު އަވަސް ވެފައިހުރެ، މިސްކިތުގެ ގޯތިތެރެއަށް ވަދެގެން ގޮސް، ފުރަތަވެސް ދިއައީ ވުޟޫކުރުމަށް އިސްކުރު ބަރިތައް ކައިރިއަށެވެ. އަވަސް އަވަހަށް އިސްކުރު ދޫކޮށްލާ، ކުޑަ ކޯވަރެއްގެ ފެން ފޮދެއް ބޯލާ، ވުޟޫކޮށްލިއެވެ. ވުޟޫކޮށް ނިމުނުއިރު އަދި ގަމަތް ނުދޭތީ، މަޑުކޮށްލީ މިސްކިތުގެ ފެންޑާގެ ބޭރުގައެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ، މިސްކިތުގެ އިރުމަތީ ދޮރުގެ ކުރިމަތީގައި، މިސްކިތައް ވަންނަން ޖެހިލުންވެފައި ހުރި ކަޅު ދުންގަނޑަކަށެވެ. ދުންގަނޑުގެ ތެރެއިން ފާޅުވި ރަތް ދެލޮލުގެ ތޫނު ނަޒަރު އަމާޒުވީ، އެ މަހުލޫގާއި ދިމާލަށް އެސްފިޔަޖަހާ ވެސް ނުލާ ބަލަން އިން ޢުޘްމާނަށެވެ. ބިރުނުގަނެ މިސްކިތުން ނުކުމެގެން އަންނާށޭ އޭނާގެ ގާތު އެ މަހުލޫގު ބުނަމުން ދާކަހަލައެވެ. ހިތުގެ ވިންދު ކުއްލިއަކަށް އަވަސްވެ ބިރުވެރިކަން ހިތުތެރެއަށް ވަންނަން ފެށުމުން، އަވަސް އަވަހަށް މިސްކިތުގެ އެތެރެއަށް ވަނެވެ. އެ މަހުލޫގު މިސްކިތުގެ ބޭރުގައި މަޑުކޮށްގެން ހުރުމަށްފަހު ގަމަތް ދިނުމުން ވައިގެ ތެރެއަށް ގެއްލިގެންދިއައެވެ.
ނަމާދުކޮށް ނިމިގެން އަވަސް ފިޔަވަޅު ތަކާއިއެކު ދުވެފައި ކަހަލަ ގޮތަކަށް ގެއަށްގޮސް ދަބަހުން ފޮތެއް ނަގާ، ޓެސްޓަށް ފަރިތަކުރުމުގެ ގޮތުން ފޮތްކިޔަން ކިޔަވާ ކޮޓަރިއަށް ދިއައެވެ. ފޮތްކިޔަން އިންނަ މި ވަގުތަކީ އޭނާއަށް އެންމެ އުފާވެރިކަން ގެނުވާ އެއް ވަގުތެވެ. ކުލާހުގެ އެއްމެ މޮޅު ކުދިންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ކުއްލިއަކަށް، ފޮތުގެ ތެރެއަށް ގެއްލިފައި އިންދާ ހޭވެރިކަމެއް ގެނުވީ، ސުކޫލަށް ދާން ތައްޔާރުވުމަށް އޭނާގެ ލޯބިވާ މަންމަ ގޮވާލީމައެވެ. ކިޔަން އިން ފޮތް ދަބަހަށް ލުމަށްފަހު، ފެންވެރަން ދިއުމަށް އަވަސްވެގަތީ، ސުކޫލަށް ދާހިތް ނުވިއެއްކަމަކު ކިޔަވަން ހުންނަ ފޯރިއެއްގެ ބޮޑުކަމުންނެވެ. ފެންވަރައިގެން ހުދު ޔުނީފޯމު ލައި، ޕުރިފެކްޓު ޓެގުކޮޅު ގަމީހުގެ ޖީބުގެ މަތީގައި ހަރުކޮށް، ފޮތްދަބަސް ހިފައިގެން ގެއިން ނިކުމެ، އޭނާ މިސްރާބުޖެހީ ސުކޫލާއި ދިމާލަށް ދިއުމަށެވެ.
ސުކޫލުގެ މައި ދޮރާއްޓާއި ހަމަވިއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ އިންތިޒާރުގައި ހުއްޓެވެ. ޕުރިފެކްޓު ކުދިންނަށް އަވަހަށް ސުކޫލަށް ވަނުމަށް ހުއްދަ ދެވިފައި އޮންނާތީ، ގަޑި ޖެހުމުގެ ފަނަރަ މިނެޓު ކުރިން ދެ ކުދިން ކުލާހަށް ދިއައެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލެއްކަމުން، މެންދުރުފަހު އަންނަ ކުދިން، ޑެސްކުތަކުގެ ތަރުތީބު ބަދަލު ކޮށްފައި ހުންނާތީ، ޑެސްކުތައް ހުންނަންޖެހޭ ގޮތައް ތަރުތީބު ކުރުމުގައި އެވެރިން އުޅުނެވެ.
ސުކޫލަށް ކުދިން ވައްދާ ރަނގަބީލު ގެ އަޑު ޖެހުމާއިއެކު ހީވީ ސުކޫލުގެ މައި ދޮރާށިން ބަކަރި ތަކެއް ވަދެގެން ދިޔަހެނެވެ. ހަމަ އެޑާއެކު ގުރޭޑް ހައެއްގެ ބީ ކުލާހުގައި ހުރި ޢުޘްމާންގެ ހިތައް ބިރުވެރިކަމެއް ވަދެގެން ދިއައެވެ. އޭނާ އެ ބިރުގަތީ ސަބަބެއް ނެތިއެއް ނޫނެވެ. ހިނދުކޮޅެއްގެ ތެރޭގައި ކުލާހުގެ ތެރެއަށް ކުދިންތައް އަންނަން ފަށާނެއެވެ.
ހައެއް ބީ ކުލާހަށް ކުދިންތައް ވަންނަން ފެށުމުން، މަޑުމަޑުން ގޮސް ކުލާހުގެ ކުރީ ބަރީގައި ޢުޘްމާނުއަށް ހާއްސަ ޑެސްކުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އިސާހިތަކު މުޅި ކުލާސް ރޫމުތެރެ އަޑު ގަދަވެގެން ދިއައީ މަސްމާރުކޭޓެއް ފަދައިންނެވެ. ނަމަވެސް ޓީޗަރު އައިސް ކުލާހަށް ވަން ވަގުތު، މާހައުލަށް އައިސްފައިވާ ހަލަބޮލިކަން ނިމުމަކަށް ގެނުވިއެވެ.
މިއަދުގެ ފުރަތަމަ ގަޑިއަކީ ޢުޘްމާން އެންމެ ޝައުގުވެރިވާ އެއްގަޑިއެވެ. ސައިންސު ގަޑިއެވެ. ޓީޗަރު ކުރި ސުވާލުގެ ޖަވާބު އެނގޭ ކުއްޖަކު އިންތޯ އެހުމުން ބޭއިހްތިޔާރުގައި އޭނާއަށް އަތް ނެގުނީ ވެސް އެހެންވެއެވެ. ޖަވާބު ދިނުމަށް ފުރުސަތު ލިބުމުން، އަވަހަށް ތެދުވެ ޖަވާބުދޭން އަނގަ ހުޅުވާލި ވަގުތު، ކުލާހުގައި ހަލަނިކޮށް އުޅޭ ކުދިންގެ ތެރެއިން ކުއްޖަކު ބުނި ބަހަކުން އޭނާ ހުއްޓުން އެރިއެވެ. އަވަސް ނަޒަރަކުން އޭނާއަށް ބަލާލެވުނީ ކުލާހުގެ ދޮރު މައްޗަށެވެ. އެއިރު ކަޅު ދުންގަނޑުގެ ވެރި، ރަތް ލޯ ހުރި، ކަޅު މަހުލޫގު، އެ ކުލާހުގެ ދޮރުގެ ކުރިމަތީގައި ހުއްޓިގެން ހުއްޓެވެ. އަވަސް ހަރަކާތަކާއި އެކު އެ މަހުލޫގު ކުލާހުގެ ތެރެއަށް ދެމިގަނެ ޢުޘްމާނުއާއި ދިމާލަށް އައެވެ. ލިބުނު ސިހުމުގައި އަޑުނެތްތަނަށް ހަޅޭއް ލަވައިގަންނަށް ބޭނުން ވިޔަކަސް އޭނާގެ އަނގައިން އަޑެއް ނުނިކުތެވެ.
އެ މަހުލޫގެ އައިސް ހުއްޓުނީ ޢުޘްމާނުގެ ކުރިމަތީގައެވެ. އެއިރު ކުލާހުގައި އެންމެން ތިބީ ތިބި ގޮތައް ހުއްޓުން އަރާފައެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑީގެ ކަށިތައްވެސް ހުރީ ހުއްޓިފައެވެ. ދަބަރު ޖަހައިފައި ހުރުމުން، ނުހިނގަނީކީ ނޫނެވެ. ބެޓަރީ ބާރު ގޮސްފައެއް ވެސް ނޫނެވެ. އެ ހިނދު ވަނީ ދުނިޔެ އެއްކޮން ހުއްޓި ގަނޑުވެފައެވެ.
”ޢުޘްމާން، ކީއްވެތަ މާބިރުން ތިއުޅެނީ. ބިރުނުގަނެ އަހަރެން ވަނަދީބަލަ“
ކުރިމަތީގައި ކަޅު ދުންގަނޑުގެ ތެރޭގައި ހުރި މަހުލޫގު ވާހަކަ ދައްކަމުން ދިއައިރު އޭތީގެ ނޭވާގެ ހޫނުކަން ޢުޘްމާނުގެ މޫނަށް އިހުސާސު ވަމުން ދިއައެވެ.
”ނޫން. ތިއީ އަހަރެންނެއް ނޫން. އަހަރެންނަކީ ކަޅު ހަންޑިއެއް ނޫން. ދާން އުޅޭ. ހަމަ މިހާރު މިތަނުން ދޭ.“
އެ މަހުލޫގު ދިން ދައުވަތު ގަބޫލު ނުކުރަން ވެެގެން ލޯމަރާލާ، ޢުޘްމާނު ހަޅޭއްލަވައި ގަތެވެ.
”ހަހަހަ. ގަބޫލު ނުކުރިޔަސް އަހަރެން މިއީ ހަމަ ކަލޭ. ކަލޭގެ ބުރުސޫރަ. ކަލޭގެ ކަޅު ކަން. އަހަރެން ވަނަދީ.“
ލޯ މަރާލައިގެން ހުރި ޢުޘްމާނުގެ މޫނުގައި އެ މަހުލޫގު ފިރުމާލުމުން ކުއްލިއަކަށް ފަހަތައް ޖެހިލިއެވެ.
”ހުދު ހެދުން އަޅާ، ހުދު މީހަކަށް ވެގެން ހުއްޓަކަސް ކަލޭގެ އަސްލު ނަސްލެއް ނުފޮރުވޭނެ. ތި ހަށިގަނޑުން ނުކުމެގެން އެހެން ހަށިގަނޑަކަށް ވަނެއްކަމަކު އަނބުރާ އަންނަން ޖެހޭނީ ހަމަ އެ ހަށިގަނޑަށް. ގަބޫލު ކޮށްބަލަ އެކަން ކަލޭ. މަ ވަނަދީބަލަ.“
އެ އަޑުތައް އިވި ކަންފަތުގައި އަތްއަޅާ، އިހުނަށްވުރެ ބާރަށް ޢުޘްމާނު ހަޅޭއް ލަވައިގަތެވެ.
”ނޫން ނޫން. މަ މީ ކަޅު ހަންޑިއެއް ނޫން. މަ މީ ކަޅު ހަންޑިއެއް ނޫން. ކަޅު ހަންޑި އެއް ނޫން. ނޫނެކޭ. ކަލޭ ދާން އުޅޭށޭ.“
ޢުޘްމާނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނީ ސައިންސު ޓީޗަރު އައިސް އޭނާގެ ކޮނޑުގައި އަތްލާ ގޮވާލުމުންނެވެ. އެއިރު ކުލާހުގެ ހުރިހާ ކުދިންގެ ނަޒަރު ހުއްޓިފައި ހުރީ ޢުޘްމާނާއި ދިމާލަށެވެ. ކުލާހުގެ ތެރޭގައި ވަނީ ކުދިންގެ ހުނުމުގެ އަޑުފަށްގަނޑެވެ. ކަޅު އެ ދުންގަނޑުގެ މަހުލޫގުގެ އެއްވެސް ނިޝާނެއް ކުލާހުގެ ތެރެއަކުން އެވަގުތު ފެންނާކަށް ނެތެވެ. ކަރުނައިން ފުރިފައިވާ މޫނަކާއެކު ސައިންސު ޓީޗަރާއި ދިމާލަށް ބަލާލާ، ލަދު ގަނެފައި ހުރެ ދުއްވައިގަތީ ކުލާހުން ބޭރަށް ނިކުތުމަށެވެ.
މޫނުމަތީގައި ހުރި ކަރުނަތައް ފޮހެމުން، އަވަސް ފިޔަވަޅު ތަކުގައި ދުވެފައި ގޮސް، ޢުޘްމާން ވަނީ ސުކޫލުގެ ފިރެހެން ފާހާނާ ބަރީގެ ފާހާނައަކަށެވެ. ދޮރުލައްޕައި ތަޅައް ފިތާލުމާއެކު، ބަޑި ފަޅައިގެން ގޮސް އޭނާއަށް ރޯންފެށުނެވެ. ކިތަންމެ ވަރަކަށް ގަބޫލު ކުރަން ބޭނުން ނުވިއެއްކަމަކު، އެ ދުންގަނޑުގެ ވެރި މަހުލޫގު ބުނި ބުނުމަކީ ހަމަ ހަގީގަތެވެ.
ފާހާނައިގައި ރޯންހުރި ޢުޘްމާނުގެ ފަހަތުން ކަޅުކުލައިގެ ދުންގަނޑުގެ ވެރި މަހުލޫގު ފާޅުވާން ފެށިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން މި މަންޒަރު އޭނާއަށް ދިއައީ ފެންނަމުންނެވެ. ނަމަވެސް މިފަހަރު އޭނާ ބިރެއް ނުގަތެވެ. ރުއިން ހުއްޓާލާ، ދެ އަތުން ކަރުނަތައް ފޮހެލުމަށް ފަހު ފަހަތައް އެނބުރި އެ ދުންގަނޑާއި ކުރިމަތި ލިއެވެ.
”އެންމެ ރަނގަޅު. ކަލޭ ވަނުމަށް އަހަރެން އެއްބަސް. އަހަރެން ވަރަށް ދުވަހު ކެތްކޮށްފިން. އަހަރެން ވަރުބަލި ވެއްޖެ. މި ހުވަފެނުން ހޭލިޔަދީ.“
ޢުޘްމާނުގެ އެ އެދުމާއި އެކު ކަޅު ދުންގަނޑުގެ ވެރި މަހުލޫގު އައިސް އޭނާއާއި އެއްހަމައަށް ތިރިވެލާ، ކޮލުގައި ދެއަތުން ހިފައިލިއެވެ. އެއަށްފަހު ހިނިތުން ވެލާފައި އޭނާގެ ހަށިގަނޑުގެ ތެރެއަށް އެ މަހުލޫގު ވަދެގަތެވެ. އެއާއިއެކު އޭނާ ލޯމަރާލިއެވެ. ދެން ލޯ ހުޅުވާލިއިރު އޮތީ އޭނާގެ ނިދާ އެނދުމަތީގައެވެ.
ކޮޓަރިތެރެއަށް ނަޒަރު ހިންގާލާ ބަލާލިއިރު ޢުޘްމާނުގެ ބައްޕައާއި، ފިރެހެން ކޮއްކޮއާއި، ދޮންބޭބެމެން ތިބީ ގަދަ ނިދީގައެވެ. މަޑުމަޑުން ތެދުވެގެން ގޮސް ފާހާނައަށް ވަދެ، ފާރުގައި އަޅުވާފައި ހުރި މޫނުބަލާ ވަށް ލޯގަނޑަށް ބަލާލިއެވެ. ކަޅު ހަންގަނޑެއްގެ ވެރި އެ ބުރުސޫރަ ފެނި އިސްޖަހާލިއެވެ. އިރުކޮޅަކުން އިސްނަގާ ލޯގަނޑަށް ބަލާލިއިރު އޭނާގެ ފަހަތުގައި ހިނިތުންވެގެން ބަލަން ހުރީ އެއްކަލަ ދުންގަނޑުގެ ވެރި މަހުލޫގެވެ. ޢުޘްމާނު ވެސް އެ މަހުލޫގާއި ދިމާލަށް ބަލާލާ ހިނިތުންވެލިއެވެ.
-ނިމުނީ-
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!