ރާއްޖެއިން، އެއިޑްސް ބަލި ޖެހުނު، މީހުންގެ ތެރެއިން 15 މީހަކު ނިޔާވެފައި ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅޭގޮތުން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށާއި އެއީ 6 އަންހެނުންނާއި 33 ފިރިހެނުން ކަމަށެވެ.
މިބަލި، ރާއްޖޭގައި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. ރާއްޖޭގައި އެ ބަލި ޖެހިފައިވާ 22 މީހުން އެބަތިބި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެ އެވެ.
އެޗްޕީއޭ އިން ވިދާޅުވީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް އެޗްއައިވީ އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އާއްމުކޮށް ހަދާ ސްކްރީނިންގ ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް އައިޖީއެމްއެޗްގައި ކޮންފާމޭޓަރީ ޓެސްޓް ހަދާނެ ކަމަށެވެ.
އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭއާރްޓީ) ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް ބަލިމީހުންނަށް ހިލޭ މިފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވި އެވެ. އަދި ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައި ވެސް އެޗްއައިވީ ވައިރަސް ހުރެދާނެ ކަމަށާއި މި ބަލި ހުރިކަން ދެނެގަނެވޭނީ އެޗްއައިވީއަށް ޓެސްޓްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި އާއްމުކޮށް މާބަނޑު ދުވަސްވަރުގައާއި އެކި ސާޖަރީތަކުގެ ކުރިން، ލޭދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެޗްއައިވީއަށް ޓެސްޓްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އެއިޑްސް ނަުވަތަ އެޗްއައިވީ ބަލި ފެތުރެނީ ރައްކާތެރި ނޫންގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުމުންނާއި އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުންކުރުމުން ނެވެ. މިގޮތުން ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި، ނުވަތަ ޓެޓޫ ޖެހުމާއި ކަންފަތް ނުވަތަ ހަށިގަނޑުގެ އެހެން ތަނެއް ތޮރުފުން ނުވަތަ ސިއްހީ ހިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުންކޮށްފައިވާ ކަށި ބޭނުންކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުންނާއި އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓް ނުކޮށް ލޭ އެޅުމުން ވެސް މި ބަލި ފެތުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!