އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެމަނިކުފާނުގެ މަދަދާއި، ތާއީދާއެކު ހޮވުނު ބައެއް މަޖިލިސް މެންބަރުންނަށް މިހާރު ރައްޔިތުންގެ ތާއީދު ނެތްކަމަށާއި، އެފަދަ ބޭފުޅުން ހޮވައިދޭން އަލުން މަސައްކަތް ކުރުމުގެ ފުރުސަތެއް ދެން ނެތްކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ހަވީރު ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި، އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެސެޖެއްގެ ޒަރީއާއިން އެ ފަރާތުން ކުރި މެސެޖްގައި ކޮށްފައިވާ ސުވާލު: ''މަނިކުފާނު ކެމްޕެއިންކޮށް ހޮވި، މަނިކުފާނުގެ ޕާޓީގެ މެންބަރުން ދަނީ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން، ފާޅުގައި މަނިކުފާނަށް ހުތުރު ބަސް ރައްދުކޮށް ޖެއްސުން ކުރަމުން، މަޖިލީހުގެ ރިޔާސަތުގައި އިންނަވާތީ އެފަދަ ބޭފުޅުންގެ ފަރާތުން ދިމާވާ ގޮންޖެހުން ތަކަކީކޮބައިތޯ؟ ދެންވެސް މަނިކުފާނު އެބޭފުޅުން ހޮވައިދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާނަންތޯ؟''
މި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ހާއްސަގޮތެއްގައި ސިޔާސީ މަސައްކަތެއް ކަމަށެވެ. އަދި އެއީ އިޖުތިމާއީ އަދި އިގްތިސޯދީ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
''އަޅުގަނޑުގެ މަސައްކަތުގައި ބައެއްފަހަރު ކާމިޔާބުވޭ، ބައެއް ފަހަރަށް ނާކިމިޔާބުވާ ފަހަރުތައް ވެސް ވަރަށް ގިނައިން އާދޭ، ބައެއް މެންބަރުންގެ ޚިޔާލުފުޅު ވަކިހިސާބަކުން ބަދަލުވާ ގޮތްވެސްވޭ، އެބޭފުޅުން ޚިޔާލު ބަދަލުވުމަށްފަހުގައި ނަފުރަތުގެ ނަޒަރަކުން އެހެންވާހަކަ ދައްކާތަން ވެސް އާދޭ، އާދެ، އަޅުގަނޑުވެސް ދެރަވޭ،'' ނަޝީދު ވިދާޅުވިއެވެ.
އެކަމާ ދެރަފުޅުވީ ނަމަވެސް، ސިޔާސީ މަސައްކަތް ކުރައްވަނީ އެއީ ކޮން މަސައްކަތެއްކަން އިނގިވަޑައިގެން ހުންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
''އެބޭފުޅާ މި އައްސަވާ ސުވާލަކީ ދެން ފަހަރަކުން ވެސް އެބޭފުޅުން ގޮވައިގެން ދާނެތޯ، އަޅުގަނޑުގެ ނަޒަރުގައި އެބޭފުޅުން ގޮވައިގެން އަޅުގަނޑު ރައްޔިތުންގެ ގާތަށް ދިއުމުގެ ފުރުސަތު މިހާރު މިއޮތީ ގެއްލިފައި، ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށް ވެފައިތިބީމަ އެބޭފުޅުން ގޮވައިގެން އަޅުގަނޑަށް މި ދެވެނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ބައެއް ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ބޭފުޅުންނެއްނޫން،'' ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ހަވީރު ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމަކީ، މި ސިލްސިލާގެ 6 ވަނަ ޕްރޮގްރާމެވެ. އާސްކް ސްޕީކާގެ ފަސްވަނަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!