ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތް ފަށަން ތާވަލު ކޮށްފައިވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.
މި މުބާރާތް ކުރިން ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ފެށުން ލަސްކޮށްފައި މިވަނީ ކުޅުދުއްފުށީގައި މީގެ އެގާރަ އަހަރު ކުރިން ހަދަން ފަށާފައިވާ ރޯހައުސްތައް ވީރާނާވާން ދޫކޮށްލާފައި ހުއްޓައި މިސަރުކާރުން އެތަންތަން މަރާމާތުކޮށް ނިންމައި އެތަންތަން ހައްގުވެރިންނަށް ހަވާލުކުރުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން މި ރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތާވަލުކުރުމާއި ގުޅިގެންނެވެ.
މި މުބާރާތުގައި ޓީމްތައް ބައިވެރިވާން ހުޅުވާލި ފުރުޞަތުގެ ދަށުން މުބާރާތުގެ ބައިވެރިވެފައި ވަނީ ފަސް ޓީމަކުންނެވެ. އެ ފަސް ޓީމަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތުގެ ޤަވައިދުގައި ބުނެފައި ވަނީ މުބާރާތުގައި ފަސް ޓީމަށްވުރެ އިތުރަށް ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!