ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އޭނާއަށް ހަމަލާދީފައިވަނީ މަގުމަތިން ބަޔަކު، މި ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
ޝިމާޒަށް ހަމަލާދިނުމުގެ ކުރިން، އޭނާގެ ސައިކަލަށް ވެސް ބަޔަކު ވަނީ ގެއްލުންދީފަ އެވެ.
މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ޝިމާޒަށް ހަމަލާދީފައި މިވަނީ ޓްރާންސްޕޯޓު މިނިސްޓްރީ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރައްވައި، އޭސީސީ އަށް މައްސަލަ ހުށަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުކޮށް ބަލާ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާފައިވާއިރު، އެމްއާރްއެމް އިން ގޮވައިލާފައިވަނީ ޝިމާޒުގެ މައްޗަށް ތުހުމަތު ކުރައްވާ ކަންތައްތަކަކީ އެޕާޓީން ކަންބޮޑުވާ ބާވަތުގެ ކަންތައްތަކެއް ކަމަށާއި އެ ޕާޓީއަކީ ކޮރަޕްޝަނާއ ދެކޮޅަށް ވަކާލާތުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ.
އެހެންނަމަވެސް، އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމަށާއި ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަން ވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުގީގަކަށްފަހުކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށް ވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!