ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، ރައީސް ވަނީ ދެގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާ ކަމަށެވެ. އަދި ދެ ގައުމުން ގަބޫލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތައުރީފްކުރައްވައި ރައީސް އަށް މަރުހަބާ ދަންނަވާ ފައެވެ.

ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވާފަ އެވެ.

ރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 20 ފެބްރުއަރީ 1975 ވަނަ އަހަރު އެވެ.