ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން ނުދާ ފަޅު ގޯތިތައް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސާފުކޮށް ބަލަހައްޓަމުން ނުދާތީ، އެތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.
އެ ކައުންސިލުން ވަނީ އެތަންތަން ސާފުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ދިއްދޫއިން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކަކީ، އެ ގޯތިތަކާއި މެދު ސަރުކާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެތަންތަނުގެ ވެރިންނަށް ޝަރުތުކުރެވި ހަވާލުކުރެވިފައިވާ ގޯތިތަކެއް ކަމަށެވެ.
މިގޮތުން އެ ގޯތިތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގު ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަކީ އެ ތަންތަނުގެ ވެރީންގެ ޒިންމާއެއް ކަމަށެވެ.
މިފަދަ ފަޅު ގޯތިތަކުގެ ސަބަބުން އާންމުންގެ ސިއްހަތަށާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް އުނދަގޫ ފޯރަމުންދާތީ އެކަމުގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަކަމުގެ އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އެ ރަށަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކުގެ ނިސްބަތުން ސާފުތާހިރު ރަށެއްގެ ގޮތުގައި ގިނަބަޔަކު ބަލައިގެންފައިވާ ރަށަކަށް ވުމާއިއެކު، މިގޮތަށް ދެމި އޮތުމަކީ އެ ރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ވެސް ނުހަނު ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!