އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި ސިޓީވެއްޖެ އެވެ.

އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ރަށުގެ އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކޮށް ގެމެން ޕޯޓަލްއަށް އަޕްލޯޑު ކުރެވުނު އެންމެ ފުރަތަމަ ސިޓީއަށް ކުޅުދުއްފުށި ވެގެންދިޔަކަމީ ލިބުނު ނުހަނު ބޮޑު އުފަލެއްކަމުގަ އެވެ.

Ad
rt

އެހެން ސިޓީ ކައުންސިލްތަކާއި އަޅާ ބަލާއިރު އެކައުންސިލްގައި ތިބި މުވައްޒަފުންގެ އަދަދު މަދުކަމާއި އެކު މިމަސައްކަތް ނިންމާލެވިފައިވާތީ، މިކަމުގައި ޝާމިލްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވެއެވެ.

“ކައުންސިލްގައި މިއަދާހިސާބަށް މެނުއަލްކޮށް ބަލަހައްޓާފައި ހުރި ގިނަ ޑޮކިއުމެންޓްތަކަކުން މައުލޫމާތު ނަގާ ޕޯޓަލްއަށް އެޅުމަށް މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވި”

މީސް މީޑިޔާގައި މޭޔަރު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެެއެވެ. މިއީ ބޮޑު ބުރަ އެހާމެ މުހިންމު މަސައްކަތެއްކަން ވެސް މޭޔަރު ފާހަގަ ކުރިއެވެ.

މޭޔަރު ވިދާޅުވީ، އެރަށުގައި މީހުން ރަޖިސްޓްރީވެފައިވާ 1610 ގޭބީސީ އެބަހުރި ކަމަށާއި 17000 މީހުންގެ މަޢުލޫމާތު ރެކޯޑްކުރެވިފައިވާކަމަށެވެ.

އީކައުންސިލްގެ ގެމެން މޮޑިއުލް އަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކައުންސިލްތަކުގެ އާބާދީގެ ރަޖިސްޓްރީއާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް، ރައްކާތެރިކަމާއެކު ޙަރަދުކުޑަކޮށް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ޙިދުމަތެކެވެ. އީކައުންސިލްގެ ގެމެން މޮޑިއުލް ވަނީ 2020ވަނަ އަހަރުގެ ޖުލައި މަހު މާލެ ސިޓީ ކައުންސިލްގައި ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. މިއަދާ ހަމަޔަށް އައިއިރު މި މޮޑިއުލް ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގައި ބޭނުންކުރަން ފެށިފައެވެ.

ކައުންސިލްތަކުން އާބާދީއާއި ގުޅޭ މައުލޫމާތު ވަކިވަކިން ކަރުދާހުގައި ބެލެހެއްޓުމުގެ ސަބަބުން ރިކޯޑްތަކުގައި އެކި މައްސަލަތައް ދިމާވުމާއި، މައްސަލަތަކުގައި ހޭދަކުރަންޖެހޭވަގުތާއި ޙަރަދު އިންތިހާއަށް ބޮޑެވެ. ގެމެން މޮޑިއުލްއިން މި މައްސަލަތަކަށް ހައްލެއް ގެނެވޭނެއެވެ. މުޅި ރާއްޖެއަށް ވިހާ، މަރުވާ މީހުންގެ މައުލޫމާތު އެއް ސިސްޓަމެއްގައި އެއްގޮތަކަށް ބެލެހެއްޓޭނެއެވެ.

ސިއްޙީ ޙިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމް އަށް ވަގުތުން އެޅޭނެހެން ހުރުމުން، މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަވެގެންދެއެވެ.

މިއީ ރާއްޖޭގެ ވިހާމަރުވާ ރިކޯޑް ބެލެހެއްޓުމުގެ މަސައްކަތް ޑިޖިޓައިޒް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށްވެސް ބޮޑު ކާމިޔާބީއެކެވެ.

ގެމެން ގެ ސަބަބުން ވަނީ ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންސް އަށް ރާއްޖޭގެ އާބާދީއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް އިނގޭނޭ މަގުފަހިވެފައެވެ. މިއާއެކު އާބާދީއާއި ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.

ކުރިމަގުގައި ސަރުކާރުގެ އެހެން އިދާރާތައް ބޭނުންވާ އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތު ފަސޭހަކަމާއިއެކު ލިބި، ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލިއާއި ފެންވަރު ގެމެން މޮޑިއުލްގެ އެހީގައި އިހުނަށް ވުރެން ރަނގަޅުވުން ވެގެންދާނީ މި ޕްރޮޖެކްޓްގެ އެންމެ މައިގަނޑު މަޤްސަދު ޙާސިލްވުންކަމުގައިއެވެ.