އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން އިއްޔެ ޝުއޫރު ފާޅުކޮށް ސައިކަލް ބުރެއް ބާއްވައިފިއެވެ.
ނޮވެމްބަރު 25 އަކީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލް އަގްވާމީގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އިއްޔެ ފާހަގަކޮށްފައިވާއިރު، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން ޝުއޫރު ފާޅުކުރަން ބޭއްވި ސައިކަލް ބުރު އޮތީ އިއްޔެ ހަވީރުއެވެ.
އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މި ސައިކަލް ބުރު ކުރިއަށް ގެންދިޔައީ އެރަށުގެ ކައުންސިލާއި، މުވައްސަސާތަކާއި، ކުލަބް ޖަމްއިއްޔާތައް އަދި ރައްޔިތު ފިރިހެނުން ގުޅިގެން ކަމަށެވެ.
އިއްޔެ ހަވީރު 17:00 އިން 17:45 އަށް އުތީމުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި، އެރަށު ފިނިހެނުން ވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޝުއޫރުފާޅުކުރުމަށް ލިޔެފައިވާ ލިޔުންތައް ބޭނުން ކޮށްފައެވެ.
އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އުތީމު ފިރިހެނުން އިއްޔެ ބޭއްވި ޝުއޫރުފާޅުކުރުމުގެ ހަރަކާތުގެ ތެރެއިންމ ފޮޓޯ: އުތީމު ކައުންސިލް
''މި ސައިކަލް ބުރުގައި މިރަށު ފިރިހެނުން ވަނީ ދުވަހާގުޅޭ ހާއްސަ ކުލަ ބޭނުންކޮށް، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޝުއޫރުފާޅުކޮށްފައި، އަންހެނުންނަށް މުޖުތަމައު ތެރެއިން އެއްވެސް އަނިޔާއެއް ލިބުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއްނޫން،'' އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
އުތީމުގައި އިއްޔެ ކުރިއަށް ދިޔަ މި ހަރަކާތުގައި މިވަގުތު ރަށުގައި ގާއިމުވެތިބި ހުރިހާ ފިރިހެނުންހެން ބައިވެރިކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
މި ހަރަކާތަށް އުތީމު ފިރިހެނުންނާއި، މުއައްސަސާތަކާއި، އަދި ކްލަބް ޖަމިއްޔާތަކުން ދިން އެއްބާރުލުން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!