ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ގާނާއާއި ޕޯޗުގީޒުން ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ.

މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ރޮނާލްޑޯއަށް ވަނީ ލިބި ބޭނުން ނުހިފިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ 65 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ގާނާގެ ޑިފެންޑަރ ސަލިސޫ އެ ޓީމްގެ އޭރިއާތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

ރޮނާލްޑޯގެ މި ލަނޑާއިއެކު ފަސް ވޯލްޑް ކަޕުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިއާގެ ރެކޯޑް އޭނާއަށް ވަނީ ލިބިގެން ގޮސްފައެވެ. ރޮނާލްޑޯ ވަނީ 2006 ،2010 ،2014 ،2018 ،2022 މި ފަސް އަހަރު ބޭއްވި ވޯލްޑް ކަޕްގައި ލަނޑު ޖަހާފައެވެ.

ޕޯޗުގަލަށް ލީޑުގައި އޮވެވުނީ އަށް މިނެޓުއެވެ. ގާނާގެ ފުރަތަމަ ލަނޑު 73 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން އަންދްރޭ އަޔޫއެވެ.

ޕޯޗުގަލުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 78 ވަނަ މިނޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖޯ ފެލިކްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕޯޗުގަލްގެ ތިންވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަފޭލް ލިއޯއެވެ. މި ލަނޑު ޖަހަންވެސް އެސިސްޓް ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ފަސޭހަކަމާއިއެކު ލީޑުގައި އޮވެ ޕޯޗުގަލުން މެޗު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފަހުކޮޅު ގާނާއިން ވަނީ ޕޯޗުގަލަށް ބާރު ބޮޑުކޮށްފައެވެ. މިގޮތިން އެ ޓީމްގެ ދެވަނަ ލަނޑު 89 ވަނަ މިނެޓުގައ އޮސްމާން ބުކާރީ ޖަހައިދިނުމާއިއެކު އެ ޓީމަށް އުންމީދު އާވެގެން ދިޔައެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުޞަތެއް ވަނީ ގާނާގެ އިނާކީ ވިލިއަމްސްއަށް ލިބިފައެވެ. ޕޯޗުގަލްގެ އޭރިއާތެރެއަށް ގާނާއިން ކުޅުނު ބޯޅަ ހިފުމަށް ފަހު ޕޯޗުގަލްގެ ކީޕަރު ކޮސްޓާ އެ ބޯޅަ ވައްޓާލި ވަގުތު ވިލިއަމްސް ވަނީ ކީޕަރު ފަހަތުން އައިސް އެ ބޯޅަ އަތުލާފައެވެ. އެ ބޯޅަ ވިލިއަމްސްއަށް ގޯލަށް ފޮނުވައި ނުލެވުނީ ބޯޅަ ލިބުނު ވަގުތު އޭނާ ކައްސާލުމުންނެވެ. ދެވަނަ ފަހަރަށް ބޯޅަ ގޯލަށް ފޮނުވާލަން ވިލިއަމްސް މަސައްކަތް ކުރި ނަމަވެސް ޕޯޗުގަލްގެ ޑިފެންޑަރުން ވަނީ އެ ޖާގައަށް ވަދެ ބޯޅަ ބްލޮކް ކޮށްލާފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ގާނާ ކުޅޭނެ ހަތަރު ވަނަ މުބާރާތެވެ. މީގެ ކުރިން ތިން މުބާރާތުގައި ވާދަކުރިއިރު، އެންމެ ފުރިހަމަ ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.