ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ކޮރެއާ ރިޕަބްލިކާއި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ އުރުގުއޭއިންނެވެ. ކޮރެއާގެ އޭރިއާ މައްޗަށް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެ އުރުގުއޭގެ ވަލްވަޑޭ ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގައި ލަނޑުޖަހަން ކޮރެއާއަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. އެ ޓީމްގެ ފޯވާޑް ވަންގްއަށް އުރުގުއޭ އޭރިއާތެރޭން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އުރުގުއޭއަށް ލިބުނު ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައި، އުރުގުއޭގެ ގޮޑިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް އުރުގުއޭއިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމްގެ ވަލްވަޑޭ ކޮރެއާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފަހު މިނެޓުގައި ކޮރެއާއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތެއް ލިބިފައެވެ. އުރުގުއޭގެ ކީޕަރަށް ހެދުނު ގޯހަކުން ތަނަވަސްވީ ފުރުޞަތެއްގައި ކޮރެއާގެ ސޮން ފޮނުވާލި ހަމަލާ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ގްރޫޕް އެޗްގައި ކުޅޭ ދެވަނަ މެޗުގައި މިރޭ 21:00 ގައި ޕޯޗުގަލް ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!