ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންތަކެއް ހުވާ ކުރަނީ، ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފުލުހުންތަކެއް ހުވާ ކުރަނީ، ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ "ކޮންސްޓަބަލް" ގެ މަޤާމަށް މީހުން ހޯދުމަށެވެ.

މި ވަޒީފާއަށް ހޮވޭ މީހުންގެ މަސްއޫލިއްޔަތަކީ ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމެވެ.

މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ ލިބެއެވެ. މީގެއިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސެންޓާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.

މީގެއިތުރުން ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ ދިހަ އިންސައްތަ)، (ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ ފަނަރަ އިންސައްތަ)، (މާސްޓަރސް – އަސާސީ މުސާރައިގެ ވިހި އިންސައްތަ) އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބެއެވެ.

މި ވަޒީފަގެ ޝަރުތުތައް:

 1. އެސް.އެސް.ސީ އިމްތިޙާނުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

("ޝަރުޠު 1" ގައި ހިމެނޭ ތަޢުލީމީ ޝަރުތުހަމަވާ ފަރާތަކީ ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވުން)

 2. އެޗް.އެސް.ސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާޞިލްކޮށްފައިވާ ފަރާތެއްކަމުގައިވުން. 

("ޝަރުޠު 2" ގައި ހިމެނޭ ތަޢުލީމީ ޝަރުތުހަމަވާ ފަރާތަކީ ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 1 (އެކެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 4 (ހަތަރެއް) ފޫޓް 8 (އަށެއް) އިންޗި ހަމަވުން)

- މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން،

- "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

މި ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، ފުލުހުންގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި، ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމާއި، މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅަންޖެހެނީ 4 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 16:00ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ނުވަތަ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި