ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ގަތަރުގެ ދޯހާގައު ހުންނަ ސްޓޭޑިއަމް 974 ގައި މިރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ދެ ޓީމަށް ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފުރަތަމަ ހާފުގައި ޕޮލެންޑަށް އެކަށީގެންވާ އެންމެ ފުރުޞަތެއް ވެސް ތަނަވަސް ކުރެވިފައި ނުވެއެވެ.

ފުރަތަމަ ހާފުގައި މެކްސިކޯގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިފައިވެއެވެ. އެ ޓީމްގެ ހެރޭރާ ޕޮލެންޑްގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެ ޓީމްގެ އެލެކްސިސް ވެގާ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި މެކްސިކޯގެ އަލްވަރޭޒް ޕޮލެންޑްގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ މެކްސިކޯގެ ހެންރީ މާޓިންގެ ބޮލުގައި ޖެހިފައި ގޯލާއި އަމާޒުވީ ނަމަވެސް ޕޮލެންޑްގެ ކީޕަރު ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

މެޗުގައި ލީޑުނަގަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޕޮލެންޑަށެވެ. މެޗުގެ 58 ވަނަ މިނެޓުގައި ޕޮލެންޑަށް ލިބުނު ޕެނަލްޓީ އެ ޓީމްގެ ކެޕްޓަން ލެވަންޑޯސްކީ ފޮނުވާލި ނަމަވެސް މެކްސިކޯގެ ކީޕަރު އޯޗުއާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

މި ޕެނަލްޓީ ދީފައި ވަނީ މެކްސިކޯގެ ޑިފެންޑަރ ހެކްޓަ މޮރޭނޯ އެ ޓީމްގެ އޭރިއާތެރެއިން ލެވަންޑޯސްކީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ރެފްރީ އެ ޕެނަލްޓީ ދީފައިވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ.

މި ވަގުތު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އަތުން 2-1 އިން މިއަދު މޮޅުވި ސައުދީ އަރަބިއްޔާއެވެ. ސައުދީ ޓީމު ކުޅޭ ދެ ވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޕޮލަންޑާ ދެކޮޅަށެވެ. އާޖެންޓީނާ އަށް ކުރިއަށް އޮތީ މެކްސިކޯ މެޗެވެ.