ގަތަރުގައި މިހާރު ކުރިއަށްދާ ފިފާ ވޯލްޑް ކަޕް 2022 ގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ އިން ހޯދި ކާމިޔާބީ، ސައުދީގައި ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެ އެވެ.

މި ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުން އުފާފާޅުކުރުމަށް ފުރރުސަތު ދިނުމުގެ ގޮތުން ސައުދީ ރަސްގެފާނު ރަސްގެފާނު ކިންގް ސަލްމާން ވަނީ މާދަމާ އަކީ ގައުމީ ބަންދު ދުވަހެއް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.

Ad
rt

މިގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނާއި ސައުދީގައި ކިޔަވާ ހުރިހައި ކުދިންނަށް ވެސް މާދަމާ ބަންދުވާނެ ކަމަށް ރަސްގެފާނު ވަނީ ކަނޑައަޅުއްވާފަ އެވެ.

ސައުދީގެ މި ކާމިޔާބީގެ ސަބަބުން މުޅި ދުނިޔެ ވެސް ސިހިފައިވާއިރު، މިއީ ވޯލްޑް ކަޕްގެ ތާރީހުގެ ވެސް އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާ އެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ސައުދީ އަށް އާޖެންޓީނާ ބަލި ކުރެވިފައި ނުވެ އެވެ. މިއީ ސައުދީ ވޯލްޑް ކަޕް ކުޅޭ 6 ވަނަ ފަހަރެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ސައުދީ އާއި އާޖެންޓީނާ ކުޅުނު ފޯރިގަދަ މެޗު ސައުދީން ކާމިޔާބުކުރީ އާޖެންޓީނާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ނެވެ.

ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފު ނަތީޖާއަކުން މުޅި ދުނިޔެ ސިއްސުވާލި އިރު، އާޖެންޓިނާއަކީ މި މުބާރާތުގެ ފޭވްރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

މި މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށް، އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލައިނަލް މެސީ އެވެ.

މިލަނޑާއެކު މެސީ ވެގެން ދިޔައީ ވޯލްޑްކަޕްގެ ހަތަރު މުބާރާތުގައި ލަނޑު ޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މި މެޗުގައި އާޖެންޓީނާ އިން ވަނީ 28 ވަނަ މިނެޓުގައި ވެސް ލަނޑެއް ޖަހާފަ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލަޓޫރޯ މާޓިނޭޒް ޖެހި މިލަނޑު، ވީޑިއޯ އެސިސްޓަންޓް ރެފްރީން ވަނީ އޮފްސައިޑް ކަމަށް ނިންމަވާފަ އެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހާނެ ފުރުސަތުތައް އާޖެންޓީނާއަށް ލިބުނުނަމަވެސް ވަނީ ބޭކާރުވެފަ އެވެ.

ދެވަނަ ހާފުގައި ސައުދީން ވަނީ އާޖެންޓީނާ ހާސްކަމުގެ ތެރެއަށް ވައްޓާލާފަ އެވެ.

އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ސައުދީގެ ސަލާހް އަލް ޝެހްރީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރިއިރު، 53 ވަނަ މިނެޓުގައި ސަލާމް އަލްދައުސަރީ ވަނީ ސައުދީއަށް އިތުރު ލަނޑެއް ޖަހައިދީ، ސަޕޯޓަރުން އުފަލުން ރޮއްވާލާފަ އެވެ.