ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. އެ ގޮތަށް ގޮތައް ނިންމައި، މި ބިލު ފާސްކުރީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައެވެ.

Ad
rt

މި އިސްލާޙް ގެންނެވި ސަބަބެއް ގޮތުގައި ސަރުކާރުން ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.

މި އިޞްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވަނީ ގެނެސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅާފައިވާއިރު، ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގައި ވެރިކަން ހިންގާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ޚިޔާލު ދެކަފިވިއެވެ. އަދި އެތަނުން ބައެއް މެންބަރުން އެ ބިލު ފާސްކުރަން ވޯޓު ވެސް ނުދެއްވައެވެ. ނަމަވެސް ބިލަށް ތާއީދު ކުރެއްވި މެންބަރުން ވަނީ ވައުދުތައް ފުއްދުމަށް އެ އިސްލާޙް ގެންނަންޖެހޭ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފައެވެ.