ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް މިއަދު އެ ބެޖް ހަވާލުކޮށްދެއްވައިފިއެވެ.
ފާޠިމަތު ޔުމްނާ އާތިފަށް މި ބެޖް ހަވާލުކޮށް ދެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި، ޗީފް ކޮމިޝަނަރ ނިޢުމަތު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.
"ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި، ފާޠިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ޙާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައި ވިދާޅުވިއެވެ.
"ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު ލިޔުން ހަވާލުކޮށް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތަޢާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާޞިލްކުރި ފުރަތަމަ ފަހަރެވެ.
މި ފަޚުރުވެރިކާމިޔާބީއާއި ގުޅިގެން ރައީސް ޞާލިޙް ވަނީ، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ އަތޮޅު ތަޢުލީމީ މަރުކަޒަށް ވެސް ޔުމްނާ ހޯދައިމިދިނީ ފަޚުރުވެރި ޝަރަފެއްކަމުގައި ފާހަގަ ކުރައްވާފައެވެ.
ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާޠިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ޙާސިލްކޮށްފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!