މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އާއި އެކު ދިވެހި ސަރުކާރުން މަޝްރޫއުގެ ދަށުން ކުރިއަށްގެންދަވާ 'ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ލޯނު ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައްވާފައިވަނީ މިއަދު އެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި، އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ހުޅުވާލާ ޕްރޮގްރާމެކެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މި ފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ލޯނު، 34 މިލިއަން ރުފިޔާއާއި ހަމައަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކުރުމަށްފަހުގަ އެވެ.
މިލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ން ފެށިގެން ކަމަށާއި މި ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެ އެވެ. އަދި އިތުރު މަޢުލޫމާތު މިނިސްޓްރީއަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް ވިދާޅުވެ އެވެ.
މި މަޝްރޫޢުގެ މަގުސަދުތަކުގެ ތެރޭގައި ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ވެސް ހިމެނެ އެވެ.
މި ފަހުމުނާމާގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައި ވެއެވެ.
މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފްސީ) އިން ހުޅުވާލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓުން ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މިސިސްޓަމްތައް ހަރުކުރުމަށް ވަނީ ރާވާފަ އެވެ.
ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރ.އެސް.ޑަބްލިޔު ސިސްޓަމާއި ސޯލާރ ޕަވަރ ސިސްޓަމް ހަރުކުރާއިރު، މި ފިޔަވަހި ކުރިއަށް ދާނީ 2002 އަދި 2013 ގަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށް ވުމާއި، މަސްވެރިކަން ކުރުމަށް ފިޝަރީޒް އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން ހިމެނެ އެވެ. އަދި އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުމާއި 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުން އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުރުމާއި އެކު، އާރް.އެސް.ޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާނަމަ، އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިޢާޔަތްކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެ އެވެ.
މިޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި އެޕްލިކޭޝަންގައި ހުށަހަޅާ މަޢުލޫމާތާއި ފިޝަރީޒް މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް އުޅަނދާއި ބެހޭ މަޢުލޫމާތާއި އެއުޅަނދަށް ބޭނުންވާ އާރް.އެސް.ޑަބްލިއު އަދި ސޯލަރ ޕަވަރ ޕެކްގެ ކެޕޭސިޓީ ދެނެގަނެވޭނެ އެވެ.
މި މަރުހަލާގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށްފަހު، ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ދެވަނަ މަރުހަލާ ހުޅުވާލެވޭނެ އެވެ.
ދެވަނަ މަރުހަލާ އަކީ ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމެވެ. މި މަރުހަލާގައި އެއުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސް.ޑީ.އެފް.ސީގައި އިން ލިސްޓުކޮށްފައިވާ (އެމްޕެނަލްކޮށްފައިވާ) ސަޕްލަޔަރުންގެ ލިސްޓުން ހިޔާރު ކުރުމުގެ ފުރުޞަތު އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަށް ދެވޭނެ އެވެ. ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ހިޔާރު ކުރާ ސިސްޓަމަށް ބިނާކޮށެވެ.
މި މަރުހަލާ ނިމުމުން ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް މިހާރުހުޅުވާލެވިފައިވާއިރު، އެޕްލިކޭޝަން ހުށަހަޅާނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ ޕޯޓަލް https://portal.sdfc.mv މެދުވެރިކޮށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެންބަރު 2022 ވަނަ ދުވަހުގެ 12:00 އެވެ. އެހެންނަމަވެސް ސުންގަޑީގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް ވަޒަންކޮށް އެއުޅަނދެއްގައި ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!