ގޭންގު ކުއްތަކުގައި އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވުމަކީ މި ސަރުކާރަށް ހޯދުނުގެ ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ރޭ ސިފަކުރެއްވި އެވެ.
އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް. ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑުތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މިއަހަރު. ގޫރޫޕު މާރާމާރީގެ އަދަދުވެސް މިދިޔަ އަހަރަށްވުރެ 50 އިންސައްތަ މަދުވެއްޖެ. މިދިޔަ 6 އަހަރު ތެރޭގައި ގޭންގު ކުށްތަކުގައި މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާއިއެކު ފާހަގަކޮށްލާނީ ގޭންގު ކުށްތަކުގައި އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފައި ނުވާކަން. - ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު
2014 ވަނަ އަހަރު 269 ގްރޫޕް މާރާމާރި ހިންގިއިރު މިދިޔަ އަހަރު ގްރޫޕް މާރާމާރީގެ 222 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މިއަހަރު ގޭންގް މާރާމާރީގެ ގޮތުގައި އަދި ރެކޯޑްކޮށްފައިވަނީ 110 މައްސަލަ އެކެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރު ގޭންގު މާރާމާރީގައި އެއްވެސް މީހަކު މަރާލާފައި ނުވާއިރު މިދިޔަ އަހަރު 2 މީހަކުވަނީ ގޭންގު މާރާމާރީގައި މަރާލާފައެވެ. 2017 ވަނަ އަހަރު 5 މީހަކު ގޭންގު މާރާމާރީގައި މަރާލާފައިވާއިރު 2016 ވަނަ އަހަރު ވަނީ 3 މީހަކު މަރާލާފައެވެ. ވޭތުވެދިޔަ 6 އަހަރަށް ބަލާއިރު ގޭންގު މާރާމާރީގައި އެންމެ ގިނަ މީހުން މަރާލާފައިވަނީ 2015 އަހަރު އެވެ. އެއަހަރު 7 މީހަކު މަރާލާފައި ވާއިރު 2014 ވަނަ އަހަރު 4 މީހަކުވަނީ ގޭންގު މާރާމާރީގައި މަރާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!