މިއަންނަ އަހަރު ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ އެއާޕޯޓުތަކެއް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން މި އެއާޕޯޓުތައް ތަރައްޤީކުރެވިގެން ދާނެކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި ކާނޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ އަހަރުގެ ތެރޭގައި ތަރައްޤީކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad
rt

މިހާރު ހިންގަމުންދާ 5 އެއަރޕޯޓެއް ތަރައްޤީކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެގޮތުން ހދ ކުޅުދުއްފުށީ އެއާޕޯޓު ތަރައްޤީކުރުމާއި ބިން ހިއްކުމަށް 19.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ހއ ހޯރަފުށީގައި ތަރައްޤީކުރަމުންދާ އެއާޕޯޓަށް 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ށ ފުނަދޫގައި އެއާޕޯޓު ހިންގުމާއި ބިން ހިއްކުމަށް 15.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ގދ ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްޤީކުރުމަށް 53.9 މިލިއަން ރުފިޔާ އަދި ގދ. މާވާރުލު އެއާޕޯޓު ތަރައްޤީކުރުމަށް 25.8 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރު އަލަށް ތަރައްޤީކުރާ އެއާޕޯޓުތަކުގެ ތެރޭގައި ބަޖެޓުގައި ހިމަނާފައިވަނީ މ. މުލީ އެއާޕޯޓެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށް 853 މިލިއަން ރުފިޔާ ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ދަރަނީގެ ތެރެއިން ތަރައްޤީ ކުރުމަކީ ކެޕިޓަލް އެކްސްޕެންޑިޗަރ އިން ހިންގާ މަޝްރޫއުތަކެވެ.