ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާވަރަކަށް، ކަލިނަރީ ފަންނުގެ ހުނަރުވެރިންނަށް ބޭނުންވާ މިންވަރުވެސް އަންނާނީ އިތުރުވަމުން ކަމަށާއި މިއީ ދިވެހި ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022" ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތައާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ރައީސް ވިދާޅުވީ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަވަރަކަށް، މި ފަންނު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އަދި އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއް ކަމަށެވެ.

މީގެ އިތުރުން މިހާރު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ދިވެހި ފަތުރުވެރިކަމާމެދު އޮތް މަގުބޫލުކަން އިތުރުކުރުމަށްޓަކައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމަކީ، އޭގެ ޒާތުގައި ވެސް ފަތުރުވެރިކަމުގެ ވަކި ބްރޭންޑެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓަށް، ފަތުރުވެރިންގެ މެދުގައި އޮތް މަޤްބޫލުކަން ވަރަށް ބޮޑު. އަޅުގަނޑު ހިތުން، ދިވެހި ޝެފުން މި ދާއިރާއަށް ނުކުމެ، ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދެވިއްޖިއްޔާ، ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފަންވުމުގެ ފުރުޞަތުވެސް އެބައޮތް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކެއްކުމަކީ އެ ގެއެއްގައި އުޅޭ ބަޔަކު ކައިބޮއި ހެދުމަށްޓަކައި ކާއެތިކޮޅު ރޯފިލުވައިލުން ކަމަށް، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ގަބޫލުކުރެވިފައި އޮންނަކަމަށެވެ. ނަމަވެސް އެއީ، އެއަށްވުރެ މާފުޅާ ދާއިރާއެއްކަން އެބަ އެނގޭ ކަމަށާއި އެ ދާއިރާގެ ބޭނުންތެރިކަން އެއަށްވުރެ މާބޮޑު ކަމަށް ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ ކެއްކުންތެރިކަމަކީ ވިޔަފާރިއެއް ކަމަށާއި ހިދުމަތެއްގެ އިތުރުން އެއީ ހިތްހަމަޖައްސައިދިނުމެއް ކަމުގައި ވެސް ބެލެވިދާނެ ކަމަށެވެ.

ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އައު ރަހަތަކެއް އުފަންކުރުމުގެ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި ހުންނާނެކަމާމެދު ޝައްކެއްނުކުރައްވާ ކަމަށާއި ދިވެހިންނަށް އެކަން ވާނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހު ބުނާ ކަމަށް ވެސް ވިދާޅުވި އެވެ.