އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ.
މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެރަށުގައި ލައިފް ސްކިލް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށް ސިޔާސީ ވިސްނުމުގެ ތެރެއިން ހީނަރުކަން ލިބޭތީ، އެ ގުޅުން އިއާދަ ކުރުމުގެ ބޭނުގައި ކަމަށެވެ.
ރަޝީދު ވިދާޅުވީ، ސިޔާސީ ފިކުރުތަކުގެ އޮއިވަރުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ގުޅުމަށް ހީނަރުކަން ގެނުވާ ކަމަށެވެ. އަދި އެއްބައިވަންތަ ވިސްނުމަށް ހީނަރުކަން އަންނަމުންދާ ކަމަށެވެ. ނަމަވެސް މި ޕްރޮގްރާމުން ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި، އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމުގެ މުހިންމުކަން ހިތްތަކަށް ވަދެ، އައު ހިތްވަރެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
''މިއީ ވަރަށް ކާމިޔާބު ވަރަށް ބޭނުންތެރި ޕްރޮގްރާމެއް، އުތީމުގެ ރަށުވަންތަ ސިފަ ގެއްލުނަނުދީ އިއާދަކުރުމަށް އެހީތެރިކަން ލިބުނު، އެއްބައިވަންތަ، އެކުވެރި، ބަދަހި ބައެއްގެ ގޮތުގައި ތިބުމުގެ މުހިންމުކަމާއި މައުލޫމާތު ލިބުނު'' ރަޝީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ސެޝަންތަކަކަށް ބަހައިލައިގެންނެވެ. މި ގޮތުން އެރަށު ކައުންސިލް އިދާރާގެ ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށާއި، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، ރަށުގެ ޒުވާނުންނަށާއި، އަދި ރަށުގެ ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ސެންޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!