އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން ބަޖެޓު ފާސް ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ހިމެނޭގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީން އެ ބަޖެޓް ދިރާސާކުރުމަށްފަހު ފާސްކޮށްފައި ވަނީ އެ ކޮމެޓީގެ 11 ވަނަ ބައްދަލުވުމުގައިއެވެ.
އެ ކޮމެޓީން މިއަދު ބަޖެޓް ފާސްކޮށްފައި ވަނީ، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށްފަހު، ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީން ފާސްކުރި ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދާއި ބަޖެޓް ޑެފިސިޓަށް ބަދަލު ގެނެސްފައިނުވާއިރު، ކޮމެޓީން ފާސްކުރި ބަޖެޓްގެ ޖުމްލަ އަދަދަކީ 42.8 ރުފިޔާއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން މިއަދު ބަޖެޓު ފާސްކުރިއިރު، މަޖިލީހުން ކުރިން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!