މާލެ ސިޓީގެ ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރަައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ 17 ނޮވެމްބަރުވީ ބުރާސްފަތި ދުވަހުގެ ރޭ ހިރިޔާ ސްކޫލުގައިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ.
މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، ސްކޫލް ސަރަހައްދުގައި ޓަރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އަދި މަގުމަތީގައި އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމާ ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭހެން މުއާމަލާތުކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ނޮވެމްބަރު މަހުގެ 11 އިން 16 އަށެވެ. މި ދެ ސްކޫލްގައި ވަކިވަކީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ހިރިޔާ ސްކޫލްގެ 35 ދަރިވަރަކު އަދި މަޖީދިއްޔާ ސްކޫލްގެ 31 ދަރިވަރަކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!