ހއ. އަދި ހދ. އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.
ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށާއި މި ހިދުމަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ އަދި އެންމެ ދެކުނުން އައްޑޫ ސިޓީގައި މި ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތޮޅު ތެރޭގައި މި ހިދުމަތް ފެށުމަށް ވަމުންއަންނަ ތައްޔާރީތަކާއި ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިކަމަށް ފަންނީ މީހުން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތައް އެކުލަވާލަމުން އަންނަކަމަށެވެ. އަދި މި މެޝިން ގަނެފައިވަނީ ފެނަކައިގެ ބަޖެޓުން ކަމަށް ވެސް އެ ކުންފުނިން ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކިހާވަރެއްގެ އިންވެސްޓްމެންޓެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ހިދުމަތް މިހާރުދެމުން އަންނަ، ސްޓެލްކޯ އިން ވެސް ހިދުމަތްދޭ އަގުގައި ފެނަކައިން ވެސް ހިދުމަތް ދޭނެ ކަމަށެވެ.
މި ހިދުމަތް ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކޮށްގެންނާއި މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގެ ކައުންޓަރަށް މީޓަރު ހުށަހެޅުއްވުމުން ހިދުމަތް ލިބޭނެ ކަމަށާއި އަތޮޅުތަކުގައި ހުންނަ ފެނަކަ އިންޖީނުގެއަށް ނުވަތަ ސައިޓަށް މީޓަރު ހިފައިގެން ދިއުމުން ވެސް މީޓަރު ޓެސްޓުކޮށްދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ކޮންމެ 60 މިނެޓަކުން (1 ގަޑިއިރުގެ ތެރޭ) މަދުވެގެން 75 މީޓަރު ޓެސްޓު ކުރުމުގެ ގާބިލުކަން ލިބިފައިވާ މި މެޝިނުން ކަރަންޓު މީޓަރު ޓެސްޓުކުރަން ހުށަހަޅާތާ 3 ނުވަތަ 6 ގަޑިއިރުގެ ތެރޭގައި މީޓަރ ޓެސްޓް ކުރެވޭނެ ކަމަށް ވެސް ފެނަކައިން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!