ހއ. ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ.

އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ އަތޮޅު ކައުންސިލްގެ ރައީސް އަދި ދިއްދޫ ކައުންސިލުގެ ރައީސް އާއި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

Ad
rt

ޑިޒައިން އެންޑް ބިލްޑް އުސޫލުން ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2022 އޯގަސްޓު 10 ގަ އެވެ.

މި މަޝްރޫޢަށް 120،405،400.00 ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ޕްލޭނިން މިނިސްޓްރީން ވިދާޅުވިގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެ މިނިސްޓްރީން ވި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ، ދެ ފަންގިފިލާގެ 75 ރޯހައުސް އިމާރާތް ކުރާނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ދިއްދޫގައި މީގެ ކުރިން ވެސް ދިއްދޫގައި ހައުސިން ޔުނިޓްތަކެއް އިމާރާތްކޮށްފައި ވެއެވެ. އެއް ބުރިއަށް އިމާރާތްކޮށްފައިވާ މި ޔުނިޓްތަކުގައި މިހާރު މީހުން ވެސް ދަނީ ދިރިއުޅެމުން ނެވެ.

ހަތަރު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫއަކީ ބިމުގެ ދަތިކަން ކުރިމަތިވުމުން ބިން ވެސް ހިއްކާފައިވާ ރަށެކެވެ.