މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުން މުހިއްމުކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާއަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުމާއި ބޭނުންކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެރަަޑައިސް އައިލެންޑް ރިސޯޓުގައި ފަސްދުވަހުގެ މުއްދަތަށް ބާއްވާ މިކޮންވެންޝަން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިކޮންފަރެންސްގެ މިއަހަރުގެ ޝިޢާރު ކަމުގައިވާ، "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިންގ އަ ބެޓަރ ވޯލްޑް" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ދިވެހިރާއްޖެއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ އެއީ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައ ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީވަޞީލަތްތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމަށެވެ. އަދި ރާއްޖޭގެ މުއްސަނދި ޘަޤާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ވެސް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ޤައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަޤުޞަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމާޢަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާޢަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!