ހދ. ނޮޅިވަރަންފަރު ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމްސް ކޭކްސް ގުޅިގެ ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 24 އައިޓަމެއް ވަނީ ބައިވެރިންނަށް ދަސްކޮށްދީފައެވެ.

Ad
rt

ކޯސް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ޕްރީސްކޫލުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިން ތައްޔާރު ކޮށްފައިވާ ތަފާތު ޕޭސްޓްރީ އައިޓަމްތައް ވަނީ ބައިވެރިކޮށްފައެވެ.

މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައި ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލެވުނު ޕޭސްޓްރީ ކޯހަށް ނޮޅިވަރަންފަރުގެ ކަނބަލުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ނަޒްމީނާ އިތުރަށް ވިދާޅުވެފައި ވަނީ ކޯސް ފެށުމަށް ފުރަތަމަ ޓާގެޓް ކުރީ 20 ބައިވެރިންނާއި އެކުކަމަށާއި، ނަމަވެސް ގިނަބައެއްގެ އެދުމުގެ މަތިން އިތުރު ދިހަ ޖާގަ އިތުރުކުރެވި ކޯސް ކުރިއަށް ގެންދެވިފައި ވަނީ ޖުމްލަ ތިރީސް ބައިވެރިންނާއި އެކުގައި ކަމަށެވެ.

ނަޒްމީނާ ވަނީ މި ކޯސް ފުރިހަމަކަމާއި ކާމިޔާބުކަމާއިއެކު ނިންމާލުމުގައި އެހީތެރިވެދެއްވި ނޮޅިވަރަންފަރު ކައުންސިލަށާއި، އަމްސް ކޭކްސްގެ އިތުރުން ކޯހުގެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި ކޯހުގެ ކޮންމެ ބައިވެރިންގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައި ވީ ނަމަވެސް، ބައިވެރިންނަށް ލުއި ދިނުމުގެ ގޮތުން ކޯސް ފީގެ ތިންބައި ކޮށްފައި އެއްބަޔަށް ވާ (500) ރުފިޔާ ދައްކާފައި ވަނީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބަޖެޓުންނެވެ.