ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ކްރޮއޭޝިއާ

Capture

ކްރޮއޭޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީހީ މުބާރާތަކަށެވެ. ހައިރާންކުރަނިވި ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ "ރަން ޖީލު"ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރުގެ މުބާރާތުން ތިންވަނަ ކްރޮއޭޝިއާ ހޯދިއެވެ.

ކްރޮއޭޝިއާގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު މުބާރާތަކީ 2018 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި ކްރޮއޭޝިއާ ކުޅުނެވެ. މިއީ އެޓީމުގެ ތާރީޚުގައި ވޯލްޑް ކަޕް މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ދެވަނަ ޓީމަކީ ކްރޮއޭޝިއާއެވެ.

ކޮލިފައިވީ ގޮތް

ކްރޮއޭޝިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް އެޗުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި 10 މެޗު ކުޅުނު އިރު، ހަތް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެ އެއް މެޗުން ބަލިވިއެވެ. އެޓީމު ގުރޫޕުގެ އެއްވަނަ ހޯދީ 23 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ލުކަ މޮޑްރިޗް

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔެ އިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރެވެ. ފަހުގެ ތާރީހުގައި ރެއާލް އިން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ. މޮޑްރިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ތަމްސީލްކޮށްފަ އެވެ. މިހާތަނަށް ކްރޮއޭޝިއާ ޓީމަށް 154 މެޗު ކުޅެދީ 23 ގޯލު ވަނީ ޖަހައިދީފައެވެ.

އިވާން ޕެރިސިޗް

ޓޮޓެންހަމް އަށް ކުޅެމުން އަންނަ ޕެރިސިޗް އަކީ ކްރޮއޭޝިއާ ޓީމުގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގު ކުޅުންތެރިޔާ އެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކެއްގެ ސަމާލުކަން ހޯދާފައިވާ ޕެރިސިޗް އަކީ ކުރިން ޖަރުމަން ލީގުގައި ވިދާލި ކުޅުންތެރިއެކެވެ. ޖަރުމަނގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ޕެރިސިޗް ވަނީ އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައެވެ. ޕެރިސިޗް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 20011 ވަނަ އަހަރެވެ. މިހާތަނަށް 115 މެޗު އޭނާ ވަނީ ކުޅެފަ އެވެ. އަދި 32 ގޯލުވެސް ވަނީ ޖަހައިދީފައެވެ.

ކޯޗު

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އަކީ އެ ގައުމުގައި މަގުބޫލު ކޯޗެކެވެ. ކޯޗިން ކެރިއަރު 2005 ގައި ފެށި ޑަލިޗް ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކްރޮއޭޝިއާގެ ކޯޗުކަން 2017 ގައި ޑަލިޗް އަށް ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމުގެ ކޮލިފައިކޮށްދިނުމުގެ ޓާގެޓާ އެކު އެވެ. އެ ޓާގެޓް ޑަލިޗް ވަނީ ހާސިލްކޮށްފަ އެވެ. ދެން އޮތީ 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، ގުރޫޕް ސްޓޭޖުން ކްރޮއޭޝިއާ ސަލާމަތްކޮށްދިނުމުގެ މަސައްކަތެވެ. އެކަން ވެސް އޭނާ ކުރިއެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ތީމު ގެންގޮސްދިނެވެ. މިއީ ޑަލިޗް އަށް އޭނާގެ ކޯޗުކަމުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ. ދަލިޗްގެ އެންމެ ބޮޑު ހުވަފެނަނީ މިފަހަރުގެ މުބާރާތުގައި ކުރީ މުބާރާތަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމެވެ. އެކަން ހާސިލް ކުރުމަށް އޭނާ ހުރީ ވަރުގަދަ އަޒުމެއްގައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ގުރޫޕް އެފްގައި ބެލްޖިއަމް ނެގުމަށް ފަހު، ދެވަނަ ބުރަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ކްރޮއޭޝިއާ އެވެ. އެކަމަކު މި ގުރޫޕްގައި ދެން އޮތް ދެ ގައުމު ކަމަށްވާ މޮރޮކޯ އާއި ކެނެޑާ އަކީ ވެސް ފަސޭހަކޮށް ނެގޭނެ ޓީމުތަކެއް ނޫނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *