ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރިމީހުން އުޅުނީ، ނިރުބަވެރި ޖަމާއަތެއްކަމަށްވާ،އިސްލާމިކް ސްޓޭޓް (އައިއެސް)އާއި ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އައިއެސްއަށް ތާއީދުކުރާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ. އެމީހުން ކުރަން އުޅުނުކަންތައް ނާކާމިޔުކޮށް ނުލެވުނަމަ ގިނަ ބަޔަކު މަރުވީސް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އުސްވަތު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުން ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އައްޑޫން 10 މީހަކު، މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި މާލެ އާއި އައްޑު އާއި އަދި ގުރައިދޫގެ ވެސް ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި، ފާސްކުރި ބައެއް ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފެނުނު ގޮވާ ތަކެތި ތަހުލީލު ކުރަމުން ވެސް އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ހައްޔަރު ކުރި އެންމެންނަށް ވެސް މިހާރު ބަންދުގެ މުއްދަތު ޖަހާފައިއެވެ.
ފުލުހުންނާއި އެމްއެންޑީއެފް އިން މި އޮޕަރޭޝަން ފަށާފައިވަނީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!