ހުޅުމާލެގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.
މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ އެޗްޑީސީއިން ތަރައްގީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑާ ގާތުގައެވެ. ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް އާއި ޑުޕްލެކްސް ޓައުންހައުސް އާއި ޓައުންހައުސް ތައާރަފް ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި އިމާރާތް ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާ ކުރެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ސެމީ ގާޑެޑް ސެކުއިރިޓީ އާއި ޕްރައިވެޓް ނެއިބަހުޑް އާއި ރެސިޑެންޓް ބަގީޗާ އާއި ގާޑްރޫމާއި ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްލޫސިވްކޮށް ލެޕް ޕޫލާއި ޕޫލް ހައުސް އާއި ވެލްނެސް ސެންޓަރާއި، ރިކްރިއޭޝަން ސެންޓަރާއި، މަލްޓި ޕާޕަސް އިވެންޓް ހޯލާއި ކޮމާޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫއާއިއެކު ލަގްޒަރީ ލިވިންގް ތައާރަފްވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހުޅުމާލެއަށާއި ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުންކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!