ހދ ކުޅުދުއްފުށީގައި ރަށް ފެހި ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން މިފެށި ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ކުޅުދުއްފުށީ އަމީނީމަގުގައި ހިޔާ ލިބޭ 20 ގަސް އިންދައިފައެވެ. މި ޕްރޮގަރާމްގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
ކުޅުދުއްފުށީ ކައުންސިލުން މި ފެށި ރަށް ފެހި ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙްގެ "ރަށްފެހި" ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙްކުރުމަށްޓަކައި ކައުންސިލްގެ އިސްނެގުމާއެކު ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުޅުދުއްފުށީގައި ފައްޓަވައި ދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންނެވެ.
ކުރިޔަށް އޮތްތާގައި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް މުޅިރަށް ފެހިކުރުމުގެ ހަރަކާތެއް، ރަށުގެ އެންމެހައި މުޢައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކުރެއެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން އިންދޭގަސްތަށް ބަލަހައްޓައި ހިމާޔަތްކުކުރުމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން ވަނީ އެދިލައްވާފައެވެ.
މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައި ފެހިކުރުމަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!