ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގެ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ.
13 އަހަރުން ދަށުގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ޖަލާލުއްދީން ސްކޫލާއި ވާދަކޮށް 20 ޝޫޓު 2 ޝޫޓުން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ އަފީފުއްދީން ސްކޫލުގެ މަރިޔަމް ނާޔާ އެވެ.
މި މުބާރާތުގެ 15 އަހަރުން ދަށުގެ ފައިނަލުގައި ބައްދަލުކުރީ ކުމުންދޫ ސްކޫލާއި އަފީފުއްދީން ސްކޫލެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗު، އެންމެ ޝޫޓެއްގެ ތަފާތުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އަފީފުއްދީން ސްކޫލެވެ. 20 ޝޫޓު 19 ޝޫޓުން ކާމިޔާބުކުރި މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ލިބުނީ އަފީފުއްދީން ސްކޫލުގެ އައިޝަތު ހަނާން ހަސަން އަށެވެ.
މި މުބާރާތުގައި ހިމެނޭ 17 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މި މެޗުގައި ވާދަކުރާނީ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލެވެ. އެހެންކަމުން މި މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ 3 އުމުރުފުރައިގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އަފީފުއްދީން ސްކޫލަށް ވަނީ ފަހިވެފަ އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!