ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ހއ. އަތޮޅުގައި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ މި ދުވަސް ފާހަގަކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އެ އަތޮޅަށް ވަނީ ދަތުރުކޮށްފަ އެވެ. އަދި އެ އަތޮޅު ހޮސްޕިޓަލާއި އެސްޓީއޯ މެޑިކަލް ސާރވިސަސް އަދި އައިޖީއެމްއެޗާއި ގުޅިގެން އެކި ހަރަކާތްތައް އަންނަނީ ހިންގަމުން ނެވެ.

Ad
rt

އެގޮތުން 12 ނޮވެމްބަރު ގައި ދުވުމަކާއި ކަސްރަތު ޕްރޮގްރާމެއް ދިއްދޫގައި ކުރިއަށްގެންގޮސްފައިވާއިރު، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ހަކުރުބައްޔަށް ޓެސްޓްކުރުންކުރިއަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދަތުރުގައި އައިޖީއެމްއެޗްގެ ޓީމް ކެލައަށް މިމަހުގެ 15 ވަނަ ދުވަހު ދިއުމަށްވަނީ ހަމަޖެހިފަ އެވެ. މި ޓީމު އެނބުރިއައުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު ގަ އެވެ.

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދަރުމަވަންތަ ގްރައުންޑް ފްލޯރ އިން ހަކުރުބައްޔަށް ސްކްރީން ކުރުން މިއަދު ހެނދުނު ވަނީ ފަށާފަ އެވެ. މި ހަރަކާތް ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި "ޑައިޓިޝަން ގާތުން އުނގެނެމާ" މި އިވެންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 އިން 12:00 އަށެވެ.

އިންޓަރނޭޝަނަލް ޑައެބެޓީސް ފެޑަރޭޝަނުން މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޔާރުގެގޮތުގައި މިދިޔައަހަރެކޭ ވެސް އެއްފަދައިން ކަނޑައަޅާފައިވަނީ "ރައްކާތެރި މާދަމައަކަށް އުނގެނެމާ" އެވެ.

މި ޝިއާރުގެ މަޤުސަދަކީ ހަކުރުބަލީގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. އަދި ހަކުރުބަލިން ރައްކާތެރި ވެވޭނެ ގޮތްތަކާއި ހަކުރުބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރާނެ ގޮތްތަކާއި ބެހޭގޮތުން އާންމުންގެތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.

މީގެ އިތުރުން މިބަލި ދުރާލާ ދެނެގަނެ ހަށިގަނޑުގެ ދުޅަހެޔޮކަން ހެޔޮގޮތުގައި ބެލެހެއްޓުމަށް އަމަލުކުރެވިދާނެ ގޮތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރުން ވެސް ހިމެނެ އެވެ.