ރާއްޖެގެންނަ ފަތުރުވެރިންނާއި، ވަޒީފާތަަކަށް ގެންނަ ބިދޭސީން ގެންނަ ފަރާތްތަކުން، އެފަރާތަކުން ގެންނަ ފަތުރުވެރިންނާއި، ބިދޭސީން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް އިރުޝާދު ދިނުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން އާންމުކުރި ސަރކިއުލަރއެއްގައި ވަނީ ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ބޭރުމީހުން ކޮންމެ ދުވަހަކު ވެސް ޒިޔާރަތްކުރާ ޤައުމެއް ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެ ޤަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށް، ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް އަންގަވާފަ އެވެ.
އެ ސަރކިއުލާއެއްގައިވަނީ ސިޓީ ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މިފަދަ މައްސަލަތަކުގައި ފިޔަވަޅުއަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅަމުން ގެންދިއުމަށް ވެސް ވަނީ އަންގަވާފަ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ގާނޫނުގެ ޤަވާއިދުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި، އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށް ވަނީ ބަޔާން ކުރައްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ގަވާއިދާ އެއްގޮތަށް، އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާ ބިދޭސީ މަސައްކަތްތެރިންނަށް އިރުޝާދު ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އެ މިނިސްޓްރީން މިފަދައިން އަންގަވައި، އިލްތިމާސް ކުރައްވާފައި މިވަނީ ދާދިފަހުން ރާއްޖޭގެ ރަށެއްގައި މަޝްރޫއެއް ފެށުމުގައި އެހެން ދީނެއްގެ އަޅުކަމެއް ކުރިކަން ދައްކުވައިދޭ ފޮޓޯތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަން ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!