ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގައި ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެއަށް މިގެނެވުނު ބަދަލު ގެނައުމުގައި، ޒުވާނުންގެ ހިއްސާ ނުހަނު ބޮޑު ކަމަށާއި ޒުވާނުން އޭރު ތިބި މާޔޫސްކަމުގެ ތެރެއިން، އެމީހުންގެ މުސްތަޤްބަލު ގެއްލިދާނެ ކަމުގެ ބިރުގައި ކަމަށެވެ.
ތައުލީމާއި ތަމްރީނާއެކު ހެދިބޮޑުވާ، އުފެއްދުންތެރި ޖީލެއްގެ ބޭނުން، ދިވެހި ޖުމްހޫރިއްޔާއަށް ނުހަނު މުހިންމުކަން ފާހަގަކުރައްވާ އެމަނުކުފާނު ވިދާޅުވީ ހަރުދަނާ ރަނގަޅު ޒުވާނަކަށްވުމަށް އޮތް ތަކުލީފް، އޭރު އިންތިހާއަށް ބޮޑު ކަމަށެވެ. އަދި މީގެ 4 އަހަރު ކުރިން އޮތް ރާއްޖޭގެ ހާލަތު ބަދަލުކުރަން، ދިވެހި ޒުވާނުން ވެސް ނުކުތީ އެމީހުންގެ ހާލަތު ވެސް ބަދަލު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ޒުވާނުންގެ އުންމީދުތަކުގައި އެދަނީ ކުލަ ޖެހެމުންކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ފާއިތުވި 4 އަހަރު މުޅިން އަލަށް 15,547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެވިއްޖެ ކަމަށާއި ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ، ހުނަރާއި ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް، 5,000 އަށްވުރެ ގިނަ ފުރުޞަތު ހޯދައި ދެވިއްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިހާރު މިއޮތް ފުރުސަތުތައް، މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ، މިއަދުގެ ނަތީޖާ މާރަނގަޅުވީސް ކަމަށާއި ގޮތްހުސްވެ، މާޔޫސްވެ، މަގުގެއްލި، މަގުތަކަށް ގިނަވާ ޒުވާނުން، މިހާރާ އެއްވަރަށް އޭރުވެސް މަދު ކުރެވުނީސްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!