ހއ. މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މުރައިދޫ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

Ad
rt

ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު އަތޮޅު ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކާގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ތަނަކަށްވާތީ، މިފަދަ މުއައްސަސާތަކުގައި ވެބްސައިޓްތައް ހުރުމުގެ މުޙިއްމުކަމަށާއި މި ވެބްސައިޓްގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކުރުމަށްފަހު ވެބްސައިޓާގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެސެންޓޭޝަން ދެއްކުން އޮތެވެ.

މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކުރުމުގެ އިތުރުން ކައުންސިލްގެ ސިއްކަ އާއި ކައުންސިލްގެ މުވައްޒަފުންގެ ރަސްމީ ޔުނިފޯމް އިފްތިތާޙްކުރުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޔުނިފޯމު ޙަވާލުކުރުން މި ރަސްމިއްޔާތުގައި ކުރިއަށްދިޔަކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި، މުރައިދޫގެ މުއައްސަސާތަކުގެ މުވައްޒަފުން އަދި އެރަށު ސްކޫލްގެ ގްރޭޑް 8 ން މަތީގެ ދަރިވަރުންނާއި އާއްމު ރައްޔިތުން ބައިވެރިވިއެވެ.