މީގެ 4 އަހަރު ކުރިން، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގައި ނުވަތަ އެގޮޅީގެ އަނގަމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުން ކަމަށެވެ. އަދި ނުތަނަވަސްކަމާއި ބިރުވެރިކަން ކަމަށެވެ.

Ad
rt

ސަބަބަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުން ކަމަށާއި އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ، ގާނޫނުއަސާސީ ތަސައްވުރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން ވެރިކަމުން، ގާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް، ވެރިކަމުގެ ފަރާތުން ގާނޫނުގެ ބާރު ލަންބައި، ގުދުކޮށް ވާންކުރުން ކަމަށެވެ.

"ނަތީޖާއަކަށްވީ، ވެރިކަމުގެ ނިޒާމް ކިލަނބުވެ، ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ، ނެތް ފުރުސަތަކަށްވުން. ފަރުދާގެ ފުރަގަހުގައި ހިނގާކަމެއް ނިމި، މަންޒަރު ސާފުވާން ފެށިއިރު، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތީވެފައި. އަމާނާތްތެރި ކަމަކީ، އެންމެ ބޮޑު ހިޔާނާތް ކަމުގައިވެ ނިމިއްޖެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް، ބޭއިންސާފު އޮތީ އާންމުވެފައި." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމުގެ އުންމީދު ގެއްލި، ވެރިކަމުގެ އާރާއި ބާރާއި ޖާހުގެ ނާޖާއިޒު ނިންމުންތައް އެއީ، ޢާންމު، އާދައިގެ ކަމަކަށް ހެދި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމަމިއާއެކު މިނިވަންކަމާއި ހައްގުތައް ނިގުޅައި ގަނެވޭނީ، ކޮންއިރަކު، ކާކުގެ ކަމެއް، ހަމަ އެކަކަށް ވެސް އެދުވަހަކު ނޭނގޭ ކަމަށާއި ދެންތިބި އެންމެންނަކީ ނެތް ބައެއްކަމުގައި އެދުވަހު ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކޮށްފައިވާކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ ދޮރުތައް ތަޅުލި ކަމަށެވެ. އަދި ދިގުލީ އެތައް ދުވަހެއް ވަންދެން، މަޖިލީހުގެ ޢިމާރާތް ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައި ކަމަށާއި ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިންތިހާބު ކުރެއްވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވި، އެކަހެރި ކުރެވިފައި ކަމަށެވެ.

މީގެ އިތުރުން ރަށްތައް އެކަހެރިކޮށް، ރައްޔިތުންގެ މަތިން ހަނދާން ނައްތާލި ކަމަށާއި މިއީ، ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ލިބިގަތް، އާ ގާނޫނުއަސާސީ، އޭގެ އާރޯތާނާ ކަމުގައި ވަނިކޮށް، މިރާއްޖެ ވައްޓާލެވިދާނެ ހާލަތެއް ކަމަށް ހިތަށް ގެންނަންވެސް ދަތިވި ކަމަށް ވިދާޅުވި އެވެ.

އެދުވަހު ރާއްޖޭގެ ރައްޔިތުން ބޭނުންވީ، އެހެން އެއްވެސް ކަމެއް ނޫން ކަމަށާއި އެ އަނދަވަޅާއި ދަންތުރައިން މިންޖުވާން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ބިރުވެރިކަމާއި އަނިޔާ، މުޅިރާއްޖެއިން ނެތި ފިލައިގޮސް، އަމާންކަމާއި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ރާއްޖެއަށް ހޯދަން ކަމަށް ވިދާޅުވި އެވެ.

"މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުމަށް. އެދުވަހު ރައްޔިތުން ބޭނުންވީ، ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނުއަސާސީގެ ތަރަހައިގެ މައްޗަށް، ދައުލަތް ބިނާވުމަށް. އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ، ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ، ތިމާގެ ސިޔާސީ މަގާމާއި، ރިޔާސީ ޓިކެޓަކީ، ވެރިކަމަށް އާދެވުމުގެ ކުރިންނާއި، އޭގެ ފަހުންވެސް، ފައިސާ ޖަމާ ކުރާ ވަސީލަތަކަށް، ނުވަތަ ދެންތިބި މީހުންނަށް ބިރުދައްކާ ލަޓިބުރި އަކަށް ނުހެދުން." އެމަނިކުފާނު ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެދުވަހު ރައްޔިތުން ބޭނުންވީ، ހިޔާލުތަފާތުވުންތަކާއެކު ކުރިއަށް ގޮސް، ގައުމާއި ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފެއްދުމަށް ކަމަށެވެ. އަދި އެދުވަހަށްފަހު، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް، ސަރުކާރުން ހުރަސް ނޭޅުން ކަމަށެވެ.

އެގޮތުން ފާއިތުވި 4 އަހަރުވެސް މަސައްކަތް ކުރީ، ރާއްޖޭގެ ރައްޔިތުން އެދުވަހު އެމަނިކުފާނާއި މަތިކުރެއްވި، ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރުމަށް ކަމަށާއި ފުރަތަމަ ކަމަކަށް، ތަފާތު ނުކޮށް ހަމަހަމަކަމާއެކު، އެންމެންނާއެކު ކުރިއަށް ދިޔުން ކަމަށެވެ. އަދި ސިޔާސީ ޒުވާބާއި، ހަސަދައާއި ޖަދަލާއި، ނަފްރަތުން މުޖުތަމަޢު ސަލާމަތް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.