އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން އެތުލާންޓާ ބަލިވެ، ސަސުއޯލޯއާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު އިންޓަ މިލާނުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭ ލެއްޗޭގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށްފައެވެ.

Ad
rt

މެޗު ފަށައިގެން ފުރަތަމަ ފަސްމިނެޓް ތެރޭ ލީޑުނަގާނެ ރަނގަޅު ފުރުޞަތެއް ވަނީ އެތުލާންޓާގެ ފޯވާޑް ޒަޕާޓާއަށް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލެއްޗޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ލެއްޗޭއިންނެވެ. ފުރަތަމަ ލަނޑު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެޑްރިކޯ ބަސްޝިރޯޓޯއެވެ. އޭގެ ދެ މިނެޓް ފަހުން އެތުލާންޓާގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާނަގައި ފެޑްރިކޯ ޑި ފްރެންސިސްކޯވަނީ ލެއްޗޭއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އެތުލާންޓާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މަލިނޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޒަޕާޓާއެވެ. މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް އެތުލާންޓާއިން މަސައްކަތްކުރި ނަމަވެސް ލެއްޗޭއިން ވަނީ އެ ފުރުޞަތު ނުދީ ހިފަހައްޓާފައެވެ.

ރޭ ސަސުއޯލޯއާއި ރޯމާ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައެވެ. މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ފަހު ދިހަ މިނެޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރޯމާއިންނެވެ. މި ލަނޑު 80 ވަނަ މިނެޓުގައި މަންޗިނީ ސަސުއޯލޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޓަމީ އަބްރަހަމްއެވެ. އޭގެ ފަސް މިނެޓް ފަހުން ސަސުއޯލޯގެ ޕިނަމޮންޓީ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ރޭ އިންޓަ މިލާނުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ ބޮލޯނިއާ މައްޗަށް 6-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ބޮލޯނިއާއިންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި އޯސޮލީނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލީކޯގިއަންސއެވެ. ނަމަވެސް ބޮލޯނިއާއަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ހަތަރު މިނެޓް ވަންދެންނެވެ. 26 ވަނަ މިނެޓުގައި އިންޓަގެ ފޯވާޑް އެޑެން ޒެކޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އިންޓައަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ލިބިފައިވަނީ 36 ވަނަ މިނެޓުގައި ޑިމާކޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އިންޓަގެ ތިންވަނަ ލަނޑު 42 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބު ކޮށްދީފައި ވަނީ ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައި ބޮލުންނެވެ.

ލިބުނު ހިލޭ ޖެހުމަކުން އިންޓަގެ ހަތަރުވަނަ ލަނޑު ޑިމާކޯ ކާމިޔާބު ކޮށްދީފައިވާއިރު، ފަސްވަނަ ލަނޑު 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޗަޅޮނގުލޫއެވެ. އިންޓަގެ ހަވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮބިން ގޫސެންސްއެވެ.

މި ނަތީޖާއާއިއެކު އިންޓަ މިލާން ވަނީ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 14 މެޗުން 27 ޕޮއިންޓެވެ. ލެއްޗޭ އަތުން ބަލިވި އެތުލާންޓާ ވަނީ ޕޮއިންޓް ތާވަލުގެ 5 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ވެސް 14 މެޗުން ވަނީ 27 ޕޮއިންޓް ލިބިފައެވެ. ރޯމާ މިވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 26 ޕޮއިންޓާއިއެކު ތާވަލުގެ 6 ވަނާގައެވެ.