ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅު ޕާޓީ ޕްރިގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ ގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރަށް ގޮވާލައި، ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ގޭގެ އިތުރުން ކައިރި ގޭގެއަށް ވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާ ތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ޢާއިލާތަކަށް ހަމްދަރުދީވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ކުރީގައި ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް ވެސް، އެ ޕާޓީން ވަނީ ސަރުކާރަށް ވަނީ ގޮވާލައްވާފަ އެވެ.
މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.
މި ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށާއި މިހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފަ އެވެ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅުން ގޮވާލާފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުންދާކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ. އަދި އެކަމުގެ ތަފްސީލްތައް ވެސް އަންނަނީ ހާމަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!