ށ. މާއުނގޫދޫ މާރާމާރީގައި ވަޅީގެ ޒަހަމާއިއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔަ ޒުވާނާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވިއްޖެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ކޭއާރުއެޗުން ވިދާޅުވީ، މާއުނގޫދުއިން މިއަދު ފަތިހު އެ ހޮސްޕިޓަލަށް ވަޅީގެ ޒަހަމާއިއެކު ގެންދިޔަ 31 އަހަރުގެ ޒުވާނާގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ.

Ad
rt

''މިއަދު 05:00 ގައި ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާރޓްމެންޓަށް ށ. މާއުނގޫދޫއަށް ނިސްބަތްވާ ފިރިހެނެއް ގެނެވުނީ ވާތު އަރިކަށްޓަށް ލިބިފައިވާ ޒަހަމަކާއިއެކުއެވެ. އަދި ވަގުތުން ފަރުވާދެވި، އިތުރު ބެލުންތައް ބެލުމަށް ސީޓީ ސްކޭން ހެދުނު'' ކޭއާރުއެޗުން ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުން އަދި އެ ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމެންޓާއި ހަވާލާދީ އެ ހޮސްޕިޓަލުން ވިދާޅުވިގޮތުގައި އެ ޒުވާނާގެ ސީޓީ ސްކޭނުން ފާހަގަވި ކަންތައްތަކަށް ބަލައި، ޑައިގްނޯސްޓިކް ލެޕަރޮސްކޯޕިކް ސާރޖަރީއެއް ހެދުމަށް ނިންމިއެވެ. މިގޮތުން ބަނޑު ބޮޑަށް ކަފާނުލައި ކެމެރާގެ ޒަރީއާއިން އިތުރަށް ބެލިބެލުމުން، ފަލަ ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އިތުރު އޮޕަރޭޝަނެއް ކުރުމަށް ނިންމިކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

''ތިއޭޓާރގައި ޖުމްލަ 3 ގަޑިއިރަށްފަހު މިހާރުވަނީ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވިފައި'' ކޭއާރުއެޗުން ވިދާޅުވިއެވެ.

މާއުނގޫދޫ މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައި.ޖީ.އެމް.އެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްގައި ހިމެނޭ ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާރޖަރީ، ޑރ. އަބްދުﷲ އުބައިދު މޭޖަރ ސާރޖަންއެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި، ޕްލާސްޓިކް ސާރޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު، އައި.ޖީ.އެމް.އެޗްގެ ފަރާތުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ކޮންސަލްޓެންޓް ސާރޖަން ޑރ. ކާމިލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސާރޖަން، ޑރ. ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.

''ބަލިމީހާގެ ހާލަތު މިހާރު ރަނގަޅު ނަމަވެސް، ފުރަތަމަ 24 ގަޑިއިރު އޮބްޒަވޭޝަންގައި އައި.ސީ.ޔޫ ގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ގޮހޮރަށް ގެއްލުން ލިބިފައިވާ ބައި ބުރިކޮށްލެވިފައިވާއިރު، މީގެ ދެ މަސް ދުވަސް ފަހުން އަދި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިނގަންނަވާނޭ ކަމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދެއްވާ'' ކޭއާރުއެޗުން ވިދާޅުވިއެވެ.