ރާއްޖޭގެ ފަނޑިޔާރުންނަކީ ވެސް ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި ބޭފުޅުން ކަމަށާއި، އެހެންކަމުން ބޭފުޅުން ޢަމަލުކުރައްވާ ގޮތުގައި ވެސް ޤާނޫނާއި ރައްޔިތުންނަށް ޤަބޫލުކުރެވޭ އިންސާފުގާއިމުވާންޖެހޭނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ރޭގައި އިދިކޮޅުން ބޭއްވި ''އަފިރިން ޔާމީން'' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރުޢީ ދާއިރާގެ އިސްލާހަށް ގޮވައިލާ އެމްޑީޕީން ކުރިން ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް ވެރިކަން ލިބުމުން އެކަންކުރާތަން ނުފެންނަކަމަށް ވިދާޅުވެ ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، މިހާރު ޢަމަލުކުރެވެމުން ޤާނޫނުއަސާސީ އެކުލަވާލައި ތަންފީޒު ކުރެއްވުމުގެ ކުރިން، ރައީސް މައުމޫންގެ ވެރިކަމުގައި ފުލުސް ކޯޓު ކިޔާ ކޯޓެއް ހުންނަ ކަމަށެވެ. އެއިރު، ކުއްލިއަކަށް އަވަހަށް ނިންމަންޖެހޭ ބޮޑެތި މައްސަލަތައް ފުލުސްކޯޓަށް ފޮނުވާ ކަމަށާއި، އެދުވަސްވަރު މައްސަލަ ނިންމަނީ މިހާރު އޮންނަހެން ދިގުދެމިގެންދާ ޝަރީޢަތްތަކުގެ ތެރެއިންނެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ފުލުސްކޯޓުގައި މައްސަލަ ފައިސަލާކުރާއިރު، ދާދި އަވަހަށް ދެފަރާތުން ދައްކަން ހުރި ވާހަކަތައް އަޑުއަހާފައި ފަނޑިޔާރުން ހުކުމަކާއި ހަމައަށް ވާސިލްވެ، އަވަސް ފިޔަވަޅުތަކެއްއަޅުއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
''އެއަށް އެމްޑީޕީން ފާޑުކިޔަމުން ދިޔައީ، ފާޑުކިޔުން ރަނގަޅުވެދާނެ، މިއަދު މިވަނީ ކީއްހެއްޔޭ؟ މިއަދު ކުއްވެރިމިވަނީ އެމްޑީޕީ ބުނި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކްސަސައިޒް ކުރަން މަގުމައްޗަށް ނުކުންނަ މީހުން، މިއަދު ފުލުސް ކޯޓު އަމަލު ކުރިގޮތައް ނޫންތޯ މި ޢަމަލު ކުރަނީ، ފަނޑިޔާރާއި ހަމައަށް ދާއިރު ފަނޑިޔާރަށް އިނގެންޖެހޭ ފުލުހުންގެ ފަރާތުން މިވެނި މީހަކަށް ބަންދު ހުކުމެއް އަންނަން ޖެހޭކަން، މި ހިނގާފައި ހުރިގޮތް، ހަމަ އެދުވަހުން އެ ދުވަހަށް ފަނަރަ ދުވަހުގެ ބަންދު، ތިރީސް ދުވަހުގެ ބަންދު، ސާޅީސް ދުވަހުގެ ބަންދު ޖަހާލަނީ، އެމްޑީޕީގެ މެންބަރުންނަށް ޚާއްޞަކޮށް އައްޑޫ ސިޓީގެ އަޚުންނާއި މިކަަމަށް ވަކާލާތު ކުރެއްވި ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އިހު ހުރި ފުލުސްކޯޓު ރުޖޫޢަ ކުރެއްވީތޯ؟ ނޫނީ އެ ކަސްޓަމަރީ ޕްރެކްޓިސް އެ ބޭފުޅުން މާ ލޯބިވާ ޕްރެކްޓިސް އަކަށް ވީތޯ؟'' ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އިހުގެ ރެލީ މޮޅޭ ކުރީގަ ބުނެއުޅޭ ކަމަށާއި، އެމަނިކުފާނަށް ހީފުޅުވާގޮތުގައި އެމްޑީޕީއަށް އުޅެނީ އިހުގެ ރެލީ މޮޅުވެގެން ކަމަށެވެ.
''ހަމަމިހާރު ޖިނާއީ ކޯޓުން ކަންކުރަނީ މިގޮތަށް، އަވަސްނިޔާ އަންނަނީ، އެދުވަހުން އެދުވަހަށް ހާޟިރުކޮށްފައި، އެދުވަހުން އެދުވަށް އެބަ ބަންދު ފުރުސަތު ޖަހާލާ'' ޔާމީން ވިދާޅުވިއެވެ. އަދި 2023 ގައި ފުރުސަތު ލިބިއްޖެނަމަ ''މިޖަހާ ސަކަރާތްތައް ނިމުމަކަށް'' ގެންނަވާނެ ކަަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ ފަނޑިޔާރުންނަކީ ވެސް ހަމަ ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި މީހުން ދެއްތޯ؟ އެހެންވީމަ އެ ބޭފުޅުން ޢަމަލުކުރައްވާ ގޮތުގައި ވެސް ޤާނޫނާއި ރައްޔިތުންނަށް ޤަބޫލުކުރެވޭ އިންސާފުގާއިމުވާންޖެހޭނެ، ދިވެހި ދައުލަތުން ބުނީމަ، ދިވެހި ފުލުހުން ބުނީމަ އެމީހުންގެ މަސްލަހަތުތަކެއް އޮވެގެންނެއްނޫން މުއްދަތު ޖަހަންޖެހޭނީ'' ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ، އެ ތުހުމަތުގައި ހަގީގަތުގައި ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވާނަމަ ނޫނީ ބަންދުކޮށްގެން ނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!